
ދައުވާކުރަން އެދުމަށްފަހު ރައުދު ބަންދުން ދޫކޮށްލައިފި
ދޫކޮށްލީ ޕީޖީން އިރުޝާދުދީގެން
ދައުވާކުރަން އެދުމަށްފަހު ރައުދު ބަންދުން ދޫކޮށްލައިފި އެވެ. ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައި ހުރި ރައުދުބ އަޙްމަދު ޛިލާލް ބަންދުން ދޫކޮށްލީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އެގޮތަށް އިރުޝާދު ދިނުމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ރައުދު ބަންދުން ދޫކޮށްލީ ރޭގެ ވަގުތެއްގައެވެ. އެކަން ފުލުހުން މީޑިޔާއާ ހިއްސާކުރެއްވީ މިއަދު ހެނދުނު އެވެ. ފުލުހުން ވިދާޅުވީ ރައުދު ދޫކޮށްލީ ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން، މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރުމަށްފަހު، އޭނާ ބަންދުން ދޫކޮށްލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިރުޝާދުދީފައިވާތީ ކަމަށެވެ.
ރައުދު ހައްޔަރުކުރީ މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ޔުމުން ވެއްޓުނު ހާދިސާއާ ގުޅިގެން އޭގެ ހަ ދުވަސް ފަހުންނެވެ. ފުރަތަމަ ހައްޔަރުކުރުމަށްފަހު މުއްދަތު އިތުރުކުރަމުން ގޮސް, ތަހުގީގު ނިމެންދެން ބަންދު އަމުރު ދަމަހައްޓާފައި ވަނިކޮށް ޕީޖީގެ ލަފާގެ މަތީން ދޫވެސް ކޮށްލިއެވެ. އެކަމަކު އާ ކޯޓް އަމުރެއްގެ ދަށުން ހަމަ އެދުވަހު ދެވަނަ ފަހަރަށް ހައްޔަރުކުރިއެވެ. އެފަހަރު ދޫކޮށްލީވެސް އިޖުރާއަތާ ގުޅޭކަމެއްގައެވެ.
މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ ހަމައެކަނި ރައުދުއެވެ.
ރިއެކްޝަންސް






