
މަސްދޯނިތަކަށް އިންޑިއާ ސިފައިން އެރިމައްސަލައިގައި ޣައްސާނާ ސުވާލު ކުރަނީ
ދިވެހި މަސްދޯނިތަކަކަށް އިންޑިއާ ސިފައިން އެރި މައްސަލައިގައި ޑިފެންސް މިނިސްޓަރު ގައްސާންމައުމޫން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަނީ
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވަނިކޮށް ދިވެހި މަސްދޯނިތަކަކަށް އިންޑިއާ ސިފައިން އެރި މައްސަލައިގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން ހުށަހަޅައިފި އެވެ.
މިނިސްޓަރު ގައްސާން މަޖިލީހަށް ހާޒިރުކުރަން ހުށަހެޅުއްވީ ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެވެ.
ދިވެހި މަސް ދޯނިތަކަށް އިންޑިއާ ސިފައިން އެރި މައްސަލަ އެންމެ ފުރަތަމަ ފެންމަތިކުރީ ރާއްޖޭގެ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުންނެވެ.
އެ ޔޫނިއަނުން އޭގެފަހުން ވަނީ އެ ދޯނިތަކުގައި އިންޑިއާ ސިފައިން ހަރަކާތްތެރިވާ ވީޑިއޯވެސް އާންމުކޮށްފަ އެވެ.
ރާއްޖޭގެ ކަނޑު ސަރަހައްދުގައި ދިވެހި މަސް ދޯނިތައް ހަރަކާތްތެރި ވަނިކޮށް އިންޑިއާ ސިފައިން މިދިޔަ ބުދަ ދުވަހު އަރައި ބަލައި ފާސްކޮށްފައިވަނީ ދިވެހި ތިން މަސް ދޯންޏަކަށެވެ. އެއީ "އަސުރުމާ 3" އާއި "ނިރު 7" އަދި "މާހޯރަ 3" ދޯންޏެވެ.
އިންޑިއާ ސިފައިން ދިވެހި މަސް ދޯނިތަކަށް އެރި ސަބަބު ލިޔުމުން ސާފުކޮށްދިނުމަށް ދިވެހި ސަރުކާރުން ވަނީ މިމަހުގެ އެއްވަނަ ދުވަހު އިންޑިއާ ސަރުކާރުގައި އެދިފަ އެވެ.
ނަމަވެސް އިންޑިއާ ސަރުކާރުން އަދި މިހާތަނަށް ޖަވާބެއް ދީފައެއް ނުވެ އެވެ.
ރިއެކްޝަންސް






