
މ.އަތޮޅުގެ 6 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި
މ.އަތޮޅުގެ 5 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ. އެރަށްތަކަކީ ދިއްގަރު, މުލައް, ރަތްމަންދޫ, ނާލާފުށި, ވޭވަށް އަދި ކޮޅުފުއްޓެވެ.
އިއްޔެ އާއި މިއަދު މ.އަތޮޅުގެ ރަށްތަކުގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް އެވެ. އޭޓީއެމްގެ ޚިދުމަތް އެރަށްތަކުގައި ފައްޓަވައިދެއްވުމަށްފަހު މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ މިހާތަނަށް މަރުކަޒު ކުރެވިފައިވާ ބައެއް ޚިދުމަތްތައް މި ސަރުކާރުން ރައްޔިތުންނާ ގާތުން ފޯރުކޮށްދޭން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރައްޔިތުންގެ ބޭންކުގެ ގޮތުގައި ބެންކް އޮފް މޯލްޑިވްސްއިން މިހާރު މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ރައްޔިތުންނަށް ދިމާވަމުން ދިޔަ ދަތިތަކަށް އޭޓީއެމްގެ ޚިދުމަތާއިއެކު ލުޔެއް ލިބިގެން ގޮސްފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެ ގޮތުން ރައްޔިތުން އަތުގައި ހުންނަ ނަގުދު ފައިސާ ގޭގައި ރައްކާކުރަން ޖެހުމާއި، ފައިސާ ނަގަން ޖެހިއްޖެ ނަމަ ދުރު ރަށަކަށް ދާން ޖެހޭ ދިއުން ނިމުމަކަށް އަންނާނެކަން ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދިނުމަކީ މިސަރުކާރުގެ ވައުދެކެވެ. ރަށްތަކުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް މިދިޔަ ސަރުކާރުންވެސް އައީ ކުރަމުންނެވެ.
މިހާތަނަށް ރާއްޖޭގެ ތިން އަތޮޅެއްގެ ހުރިހާ ރަށެއްގައި ވަނީ ޚިދުމަތް ފަށާފައެވެ. އެއީ ނ.އަތޮޅާއި, ދ.އަތޮޅާއި, ހއ. އަތޮޅެވެ. މިނިސްޓަރ އާދަމް ޝަރީފް މިހާރު މ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރު ނިމޭއިރު އެއަތޮޅުގެ ހުރިހާ ރަށެއްގައިވެސް ޚިދުމަތް ފެށޭނެއެވެ.
ރިއެކްޝަންސް






