
މިދިޔަ މަހު އެންމެ ގިނަ ފަތުރުވެރިން އައީ އިނގިރޭސި ވިލާތުންނާއި ޗައިނާއިން
ނިމިގެން ދިޔަ ފެބުރުއަރީ މަހު ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތާއި، އަދި ޗައިނާގެ ފަތުރުވެރިންކަން އިމިގްރޭޝަނުގެ ތަފާތު ހިސާބުތަކުން ދައްކައިފިއެވެ.
އިމިގްރޭޝަނުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު އިނގިރޭސިވިލާތުން 23،210 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރިއެވެ. އަދި ޗައިނާއިން 21،928 ފަތުރުވެރިން ޒިޔާރަތް ކުރިއެވެ. ތިންވަނައިގައި އޮތް ރަޝިއާއިން 20،649 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް އިމިގްރޭޝަންގެ ހިސާބުތަކުން ދައްކައެވެ.
އިމިގްރޭޝަނުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ޖުމުލަ 214،091 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އެކަމަކު މިއީ 2024 ވަނަ އަހަރުގެ ފެބުރުވަރީ މަހު އައި 217،391 ފަތުރުވެރިންނާ އަޅާބަލާއިރު މަދު އަދަދެކެވެ.
މިދިޔަ މަހު އެވަރެޖުކޮށް ދުވާލަކު 7،646 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އެއް ދުވަހެއްގައި އެންމެ ގިނައިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 9،518 ފަތުރުވެރިންނެވެ. އަދި އެންމެ މަދުން ޒިޔާރަތްކުރި ދުވަހު 5،479 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް އިމްގްރޭޝަނުގެ ތަފާސް ހިސާބުން އެނގެއެވެ.
އިމިގްރޭޝަނުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ފެބުރުއަރީ މަހުގެ ނިޔަލަށް މިއަހަރު މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމުލަ ފަތުރުވެރިންގެ އަދަދަކީ 428،954 އެވެ.
މިއަހަރަށް ސަރުކާރުން އަމާޒު ހިފާފައިވަނީ މިއަހަރު ނިމުމުގެ ކުރިން 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ.
ރިއެކްޝަންސް






