
ތެލެސީމިއާ ފަރުވާ ހަރުދަނާކުރުމަށް ދިވެހިރާއްޖެއާއި ސައިޕްރަސް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
ދިވެހިރާއްޖޭގައި ތެލެސީމިއާ ކުދިންނަށް ދެމުންއަންނަ ޚިދުމަތްތައް ހަރުދަނާ ކުރުމަށްޓަކައި ދިވެހިރާއްޖެއާއި ސައިޕްރަސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ ސްވިޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 78 ވަނަ ވަރލްޑް ހެލްތު އެސެމްބްލީގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. އަދި ސައިޕްރަސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ހެލްތު މިނިސްޓަރ މައިކަލް ދަމްޔަނޮސްއެވެ.
މި އެއްބަސްވުމުގެ ދަށުން ތެލެސީމިއާ ބަލިން ރައްކާތެރިވުމާއި، ބަލި ދެނެގަތުމާއި، ފަރުވާދިނުމުގައި ސައިޕްރަސްގެ ތަޖުރިބާކާރުންގެ އެހީތެރިކަން ލިބިގެންދާނެކަމަށާއި، އަދި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމާއި، ޓެލެކޮންފަރެންސިންގ މެދުވެރިކޮށް ސްޕެޝަލައިޒްޑް ޑޮކްޓަރުންގެ ޚިދުމަތް ފޯރުކޮށްދެވޭނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.
ހަމަ މިއާއި އެކު މި އެއްބަސްވުމުގެ ދަށުން ޞިއްޙީ ޚިދުމަތްތެރިންގެ އިންސާނީ ވަސީލަތްތައް ހަރުދަނާ ކުރުމަށްވެސް ސައިޕްރަސްއިން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.
ރާއްޖެއިން ސައިޕްރަސްއާއި އެކު މިފަދަ އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފައިވާ އިރު ރާއްޖޭގެ ޕްރައިމަރީ ހެލްތުކެއަރގެ ޚިދުމަތް ހަރުދަނާކޮށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ރެގިއުލޭޓަރީ ޚިދުމަތް ހަރުދަނާކުރުމަށްޓަކައި ތައިލެންޑުގެ ޞިއްޙަތާ ބެހޭ ވުޒާރާއާއި އެކު އިއްޔެ ރާއްޖެއިން ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވުން އޮތީ ހަމަ ދުނިޔޭގެ ޞިއްޙަތާ ބެހޭ 78 ވަނަ ސަމިޓުގެ ހަވާސާގައެވެ.
ރިއެކްޝަންސް






