
ޓެކްނޮލޮޖީ ގެނުވާ އިންގިލާބުތަކުގައި، އެއްވެސް ބަޔަކު ބާކީ ކުރެވިގެން ނުވާނެ- މިނިސްޓަރ
ޓެކްނޮލޮޖީ ގެނުވާ އިންގިލާބުތަކުގައި، އެއްވެސް ބަޔަކު ބާކީ ކުރެވިގެން ނުވާނެ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ. މިއަހަރުގެ ޓެލެކޮމިއުނިކޭޝަން ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިޠާބެއްގައި ވަޒީރު ވިދާޅުވީ ޓެކްނޮލޮޖީގެ ފަސޭހަކަމާއި ޓެކްނޮލޮޖީ ގެނުވާ އިންގިލާބުތަކުގައި، އެއްވެސް ބަޔަކު ބާކީ ކުރެވުން މިއީ އެދެވިގެންވާ ކަމެއް ނޫން ކަމަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި އަންހެން ދަރީން ޑިޖިޓަލް އިންޤިލާބުގެ ހަވާސައިގައި މަޑުޖެހިލައިގެން ތިބެންޖެހިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެކަން ފާހަގަކުރައްވާ ވިދާޅުވީ އެފަރާތްތަކުން ތަހައްމަލްކުރަންޖެހޭ ދަތިތަކުގެތެރޭގައި، ޓެކްނޮލޮޖީ ބޭނުންކުރުމުގައި ޓެކްނޮލޮޖީއަށް ވާސިލު ވުމުގައި ހަމަހަމަ ކަން ނެތުމާއި، އަދި ޑިޖިޓަލް ދާއިރާގެ ވަޒީފާތަކާއި ލީޑަރޝިޕްގައި ބައިވެރިވުމުގައި ހުރަސްތައް ހުރުން ހިމެނޭ ކަމަށެވެ. އެހެންނަމަވެސް ތަރައްޤީވަމުން އަންނަ ޤައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި ޓެކްނޮލޮޖީގެ ފުރުޞަތުތަކުގައި ހަމަހަމަކަން އޮތްކަން ވަޒީރު ފާހަގަކުރެއްވޮއެވެ.
" ޚާއްސަކޮށް ތަރައްޤީވަމުން އަންނަ ޤައުމުތަކާ އަޅާބަލާއިރު، އަޅުގަނޑު ފާހަގަކޮށްލާނީ، ރާއްޖޭގައި ސައިންސާއި ޓެކްނޮލޮޖީ އަދި އިންޖިނިއަރިންގް ދާއިރާ ފަދަ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހި ކުރުވާ ދާއިރާތަކުގައި އަންހެން ބޭފުޅުން ހަރަކާތްތެރިވާ މިންވަރުގެ ނިސްބަތް މާމަދު ނޫންކަމެވެ. އަދި އެ ނިސްބަތް ދަނީ އިތުރުވަމުން ކަން ފާހަގަކުރަމެވެ."
މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި އަންހެން ދަރީންނަށް ތަޢުލީމު ޚާސިލު ކުރުމުގައި ތަފާތު ކުރުމެއް ނެތި ފުރުސަތު އެބައޮތްކަމަށެވެ. ނަމަވެސް ވަކި ބާވަތްތަކުގެ ވަޒީފާ އަދި ޚާއްސަކޮށް ލީޑަރޝިޕް ނުވަތަ ހިންގުމުގެ ދާއިރާގައި އަންހެން ބޭފުޅުންގެ ދައުރު ނިސްބަތުން މަދުކަން ފާހަގަކުރައްވާ ވިދާޅުވީ މިފަރަގު އެކީއެކަށް ނައްތާލުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތާއި، ދެއްވާ އަހައްމިއްޔަތުކަމަކީ ދިވެހި ރައްޔިތެއްވެސް ފާހަގަކުރަންވާނެ ކަމެއް ކަމަށެވެ.
މިއަހަރުގެ ޝިޢާރު "ޑިޖިޓަލް ޓްރާންސްފޮރމޭޝަންގައި މިންތީގެ ހަމަހަމަ ކަން" އަށް އިޝާރާތްކުރައްވާ ވަޒީރު ވިދާޅުވީ ޑިޖިޓަލް ޓްރާންސްފޮރމޭޝަން ގައި އަޅުގަނޑުމެންގެ އިޤްތިޞާދާއި، އަޅުގަނޑުމެންގެ މުޖުތަމަޢު އަދި އަޅުގަނޑުމެންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުން، މި ބަދަލުވަމުންދާ ޓެކްނޮލޮޖީއަށް ބަރޯސާވެ ކަންކަން ކުރިއަރުވަން ބައްޓަން ކުރެވޭ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ޑިޖިޓަލް ޓްރާންސްފޮރމޭޝަންގައި މިންތީގެ ހަމަހަމަކަން މާނަކުރެވެނީ ހަމައެކަނި ޑިވައިސްތަކާއި އިންޓަރނެޓް ގުޅުންތައް އަންހެނުންނަށް ދިނުމަށް ނޫން ކަމަށެވެ. އޭގެ މާނައަކީ ތަޢުލީމު، ޞިއްޙަތު، ވިޔަފާރި، ދަނޑުވެރިކަން އަދި ވެރިކަން ހިންގުމުގައިވެސް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގައި އަންހެނުންވެސް ބާރުވެރި ކުރުވުން ކަމަށް ވިދާޅުވިއެވެ. އަންހެނުން ޑިޖިޓަލީ ބާރުވެރިކުރެވޭ ހިނދު، ޢާއިލާތަކާއި، މުޅި މުޖުތަމަޢުއަށް، އަދި މުޅި އިޤްތިޞާދަށްވެސް އޭގެ ފައިދާ ކުރާނެކަންވެސް ފާހަގަކުރެއްވިއެވެ.
" ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮރމޭޝަން ސިޔާސަތު، ނުވަތަ 'ޑިޖިޓަލް ފަސްޓް ނޭޝަން' ސިޔާސަތުގެ ދަށުން، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ނަމަވެސް ނުވަތަ ކޮންމެ ރަށެއްގެ ރައްޔިތަކަށް، އަދި އަންހެނުންވެސް ހިމެނޭހެން ވަކި މީހަކު އިސްތިސްނާ ނުވާ ގޮތަށް ޚިދުމަތްތައް ފަސޭހަކަމާއި އެކު ފޯރުކޮށްދެވެން ފެށުމުން އަންހެނުން އިތުރަށް ބާރުވެރިވެ، އިޤްތިޞާދުގައި ހަމަހަމަ ބައިވެރީންނަށްވުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ." ވަޒީރު ވިދާޅުވިއެވެ.
ރިއެކްޝަންސް






