
މައްކާ ރޫޓް އިނީޝިއޭޓިވްގެ ޚިދުމަތްތައް ހަމަޖެއްސުމަށް ސަޢުދީ ޢަރަބިއްޔާގެ އިސް ވަފްދެއް އަތުވެއްޖެ
ދިވެހިރާއްޖެއިން ޙައްޖަށް ދާ ޙައްޖުވެރިންނަށް މުޅިން އަލަށް ތަޢާރަފް ކުރާ މައްކާ ރޫޓް އިނީޝިއޭޓިވްގެ ޚިދުމަތް ދެއްވުމަށް ސަޢުދީ ޢަރަބިއްޔާގެ އިސް ވަފުދެއް މިއަދު ރާއްޖެ ވަޑައިގަންނަވައިފިއެވެ
މިއަދު ރާއްޖެ ވަޑައިގެންނެވީ މައްކާ ރޫޓް އިނީޝިއޭޓިވްގެ ޚިދުމަތް ދެއްވުމުގެ މަސައްކަތުގެ އެޑްވާންސް ޓީމެވެ. މި ވަފުދަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އޮފިޝަލުންނެވެ.
މި ވަފުދުގައި ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީގެ ބޭފުޅުންނާއި، ސަޢުދީ ޢަރަބިއްޔާގެ ފޮރިން މިނިސްޓްރީގެ ބޭފުޅުންނާއި ސަޢުދީ އިމިގްރޭޝަންގެ ބޭފުޅުންގެ އިތުރުން ކަމާގުޅުންހުރި މުޢައްސަސާތައް ހިމެނެއެވެ. މި ވަފުދުން މައްކާ ރޫޓު އިނީޝިއޭޓިވް ރާއްޖޭގައި ތަންފީޒު ކުރެއްވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރައްވާނެއެވެ.
މައްކާ ރޫޓް އިނީޝިއޭޓިވް ރާއްޖޭގައި ފަށާނީ ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ފުލައިޓު ފުރާ ދުވަސްކަމަށްވާ މި މަހުގެ 26 ވަނަ ދުވަހު ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްގެ މަސައްކަތްތަކަށް ސަޢުދީ ޢަރަބިއްޔާއިން 26 ބޭފުޅުންގެ ވަފުދެއް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.
ރިއެކްޝަންސް






