
ފަހު ވަގުތު ރެއާލް މެޑްރިޑް މޮޅުވެ ބާސެލޯނާއަށް ތަށި ޔަގީންކުރަން އިތުރު އިންތިޒާރެއް
ޖެކޯބޯ ރެމޮން 95 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިން ގޯލާއެކު 2-1 ން މަޔޯކާ އަތުން ރެއާލް މެޑްރިޑް ފަހު ވަގުތު މޮޅުވެ، ލަލީގާގެ ތަށި ޔަގީންކުރަން ބާސެލޯނާއަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ. މިއީ ރެމޮން ލަލީގާގައި ކުޅުނު އޭނާގެ ދެވަނަ މެޗެވެ.
ރޭގެ މެޗުގެ އެންމެ ފަހު މިނިޓާ ހަމައަށް ދިޔަ އިރުވެސް ނަތީޖާއަށް ބަދަލެއް ނައިސް ބާސެލޯނާއަށް ކުރިއަށް އޮތް މެޗު ނުކުޅެ ތަށި ޔަގީންކުރަން އޮތް ފުރުޞަތު ގެއްލުނީ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައެވެ. ރެއާލުން މެޗުގެ ނަތީޖާ އަނބުރާލީ ފަހު މިނިޓްގެ ވެސް އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައެވެ.
ބުރާސްފަތި ދުވަހު އެސްޕަންޔޯލްއާ ދެކޮޅަށް ނިކުންނަ ބާސެލޯނާއަށް ތަށި ޔަޤީންކުރަން އިތުރަށް ބޭނުންވަނީ ހަމަ އެންމެ ޕޮއިންޓެކެވެ.
ރޭގެ މެޗުގެ 11 ވަނަ މިިނިޓްގައި މަޔޯކާގެ މާޓިން ވަޖެންޓް އެޓީމަށް ލީޑު ނަގައިދިން ނަމަވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ރެއާލުންނެވެ. 68 ވަނަ މިނިޓްގައި ރެއާލުން ނަތީޖާ އެއްވަރުކުރުމުގެ ކުރިން ރެއާލަަށް ގޯލް ޖަހާނެ ގިނަ ފުރުޞަތުތަކެއް ވަނީ ގެއްލިފައެވެ.
ލޫކާ މޮޑްރިޗް ތަނަވަސްކޮށްދިން ފުރުޞަތުގައި ރެއާލަށް ނަތީޖާ އެއްވަރުކޮށްދިނީ ކީލިއަން އެމްބާޕޭ އެވެ. އެމްބާޕޭ ފޮނުވާލީ ބާރު ޝޮޓް ގޯލްގެ ތިރީ ކަނަށް އަމާޒުވުމާއެކު އޭނާ ވަނީ މިސީޒަންގައި 40 ވަނަ ގޯލް ކާމިޔާބުކޮށްފައެވެ.
މެޗުގެ ނަތީޖާ ހީނުކުރާގޮތަކަށް ރެއާލްގެ ކޮޅަށް ފަހު ވަގުތު އެނބުރި ރެއާލަށް މެޗު ކާމިޔާބު ކުރެވުނު ނަމަވެސް ލީގު ހޯދާނެ ކަމަށްބެލެވެނީ ތާވަލްގައި ހަތަރު ޕޮއިންޓް ކުރީގައި އޮތް ބާސެލޯނާއެވެ.
ރިއެކްޝަންސް






