
'އޮޕަރޭޝަން ސިންދޫރް' ގެ ނަމުގައި އިންޑިއާއިން ޕާކިސްތާނަށް ދިން ހަމަލާތަކުގައި މިހާތަނަށް 26 މަރު
ބުދަ ދުވަހު އިންޑިއާއިން ޕާކިސްތާނުގެ އެކި ސަރަހައްދުތަކަށާއި، ކަޝްމީރުގެ ޕާކިސްތާން ފަޅިއަށް ދިން ހަމަލާތަކުގައި މިހާތަނަށް 26 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މަރުވި މީހުންގެ ތެރޭގައި ކުޑަކުއްޖެއްވެސް ހިމެނެއެވެ.
ހަމަލާއަށްފަހު އިންޑިއާއިން ބުނެފައިވަނީ ހަމަލާ އަމާޒުކޮށްފައިވާނީ ފާއިތުވިމަހު ކަޝްމީރުގެ އިންޑިއާ ފަޅިއަށް ޓެރަރިސްޓް ހަމަލާދިން މީހުންގެ އިންފްރާސްޓްރަކްޗަރ ތަކަށް ކަމަށެވެ.
ޕާކިސްތާނުންވަނީ އިންޑިއާގެ ފައިޓަރ ޖެޓްތަކަށް ހަމަލާދީ ދެ ބޯޓް ކަޝްމީރުގެ އިންޑިއާ ފަޅިީގެ ވިލެޖަކަށް ވައްޓާލާފައިވާ ކަމަށް ބުނެފައެވެ. ޕާކިސްތާނުން ބޯޓްތައް ވައްޓާލި ހާދިސާގައި އިންޑިއާގެ އާންމުގެ ހަތް މީހަކު މަރުވެފައިވާކަމަށް އިންޑިއާގެ ސިއްހީ އެހީތެރިންނާއި އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.
އިންޑިއާގެ ހަމަލާތަކާއެކު ޕާކިސްތާނުން ވަނީ އެކަން ކުށްވެރިކޮށް އިންޑިއާގެ އަމަލަކީ ހަނގުރާމަައި ފިނޑި އަމަލެއް ކަމަށްބުނެފައެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރިފް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އިންޑިއާއިން ޕާކިސްތާނުގެ 5 ސަރަހައްދަކަށް ދުޝްމަނުން ހަމަލާދީފައިވާކަމަށް ވިދާޅުވެފައެވެ.
"ޕާކިސްތާނަށް ހަމަލާއަށް ރައްދު ދިނުމުގެ ފުރިހަމަ ހައްޤު ޕާކިސްތާނަށް އެބައޮތް. އަދި ވަރަށް އަވަހަށް އިންޑިއާއަށް އޭގެ ޖަވާބު ލިބޭނެ. ޕާކިސްތާނުން މިތިބީ އަސްކަރިއްޔާގެ ފަހަތުގައި އެކަތިގަނޑެއްގެ ގޮތުގައި. ފުރިހަމައަށް ތައްޔާރުވެ ދުޝްމަނުންގެ ހަމަލާތަކަށް ކެރިގެން ކުރިމަތިލާނަން. ދުޝްމަނުންނަށް އެމީހުންގެ ހީލަތްތެރި މަގުސަދު ހާސިލްވިޔަކަ ނުދޭނަން" ބޮޑުވަޒީރު ވިދާޅުވިއެވެ.
ރިއެކްޝަންސް






