
ބެލްޖިއަމުންވެސް ފަލަޞްޠީނުގެ ދައުލަތް ބަައިގަނެ އިޒްރާއިލްއާ ދެކޮޅަށް ފިޔަވަޅު އަޅަނީ
އިޒްރާއިލްއާ ދެކޮޅަށް މައިގަނޑު 12 ފިޔަވަޅެއް އަޅާނެ
ބެލްޖިއަމް އިން މިމަހު ފަހުކޮޅު އޮންނަ އދ ގެ އާންމު މަޖިލީހުގައި ފަލަޞްޠީނުގެ ދައުލަތް ބަލައިގަތުމަށް ނިންމާފައިވާކަމަށް އެޤައުމުގެ ހާރިޖީ ވަޒީރު މެކްޒިމް ޕްރެވޮޓް އިއުލާންކުރައްވައިފިއެވެ.
"އދ ގެ ސެޝަންގައި ބެލްޖިއަމް އިން ފަލަޞްޠީނުގެ ދައުލަތް ބަލައިގަންނާނެ. އަދި އިޒްރާއިލް ގެ ސަރުކާރާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެ" ބޮޑުވަޒީރުގެ ނައިބުގެ މަޤާމުގައިވެސް ހުންނެވި ޕްރެވޮޓް މިއަދު މީސްމީޑިއާގެ މަންސަ, އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައި ވެއެވެ.
ޕްރެވޮޓް ވިދާޅުވި ގޮތުގައި މައިގަނޑު ގޮތެއްގައި 12 ފިޔަވަޅެއް އިޒްރާއިލްއާ ދެކޮޅަށް ބެލްޖިއަމް ސަރުކާރުން އެޅުމަށް ވަނީ ނިންމާފައެވެ. އޭގެ ތޭރޭގައި ހުޅަނގު އައްސޭރިން ހިފާފާއިވާ ފަލަޞްޠީނުގެ ބިންތަކުން އެއްވެސް ބާވަތެއްގެ އެއްޗެއް ބެލްޖިއަމް އަށް އިމްޕޯޓް ކުރުން ހުއްޓާލުންވެސް ހިމެނެއެވެ. މީގެ އިތުރުން އިޒްރާއިލްގެ ކުންފުނިތަކުގެ ޕަބްލިކް ފްރޮކިއުމަންޓް ޕޮލިސީ ވެސް ރިވިއު ކުރައްވާނެކަމަށް ޕްރެވޮޓް ވަނީ ވިދާޅުވެފައެވެ.
ބެލްޖިއަމްގެ ސެންޓްރިސްޓް ކްރިސްޓިއަން ޑިމޮކްރަޓިކް ޕާޓީގެ މެމްބަރު ޕްރެވޮޓް ވިދާޅުވީ މި ނިންމުމަކީ މިއީ ފަލަޞްޠީނުގެ, ޙާއްސަކޮށް ޣައްޒާގެ އިންސާނީ ހާލަތު ކާރިސާއަކަށް ބަދަލުވެގެންދިޔަ ދިއުމުގެ ސަބަބުން ނިންމި ނިންމުމެއް ކަމަށެވެ.
ނަމަވެސް ހާރިޖީ ވަޒީރު ވަނީ މި ނިންމުން ރަސްމީވެގެންދާނީ ހަމާސްގެ އަތްދަށުގައި ރަހީނުކޮށްފައިހުރި އެންމެ ފަހު މީހާ މިނިވަންވުމަށްފަހުގައި ކަމުގައެވެ. އަދި ޣައްޒާ ހިންގުމުގައި ހަމާސްގެ ދައުރެއް ނެތުމަކީވެސް ބެލްޖިއަމްގެ ޝަރުތެކެވެ.
ބެލްޖިއަމް އިން ފަލަޞްޠީނުގެ ދައުލަތް ބަލައިގަތުމަށް ނިންމާފައިވާއިރު ފާއިތުވި ޖުލައި މަސް ނިމެނިކޮށް ފްރާންސުން ފަލަޞްޠީނުގެ ދައުލަތް ބަލައިގަންނާނެކަމަށް ރައީސް އެމެނުއެލް މެކޮރަން ވަނީ އިއުލާން ކުރައްވާފައެވެ.
އޭގެ ފަހުން އިނގިރޭސި ވިލާތާއި, ކެނަޑާ އަދި އޮސްޓްރޭލިއާ އިންވެސް ވަނީ މި ހިނގާ ސެޕްޓެމްބަރު މަހު ފަލަޞްޠީނުގެ ދައުލަތް ބަލައިގަންނާނެކަށް އިއުލާންކޮށްފައެވެ
ރިއެކްޝަންސް






