
ގައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް 6،000 ރުފިޔާގެ އެލަވަންސެއް ދެނީ
މި ސަރުކާރުން ޒުވާނުންނަށް އަމާޒުކޮށް ހިންގުމަށް ހަމަޖެހިފައިވާ ގައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް 6،000 ރުފިޔާގެ އެލަވަންސެއްދޭން ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގައުމީ ޚިދުމަތުގެ ޕްރޮގްރާމަށް ޚާއްޞަ ޤާނޫނެއް ވަރަށް އަވަހަށް ފާސްކުރާނެކަމަށާއި، އަދި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ގާތްގަނޑަކަށް 6،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ރޭވިފައިވާ ކަމަށެވެ.
މި ޕްރޮގްރާމާއި ގުޅޭގޮތުން ރައީސް އިތުރަށް ވިދާޅުވީ މި ޕްރޮގްރާމަކީ މަސައްކަތްތެރިން އިތުރުކުރުމަށާއި ޒުވާނުން ބާރުވެރިކުރުވުމަށް ލިބިގެންދާނެ ރަނުގެ ފުރުޞަތެއްކަމަށެވެ.
މި ޕްރޮގްރާމަކީ އުމުރުން 16 އަހަރާއި 18 އަހަރާ ދެމެދުގެ އޯލެވެލް ނިންމައި ވަޒީފާ ނުލިބި ތިބި ޒުވާނުންނަށް އަމާޒުކޮށްގެން ތަޢާރަފުކުރެވޭ ޕްރޮގްރާމެކެވެ. މީގެ ތެރެއިން މިލިޓަރީ ތަމްރީނާއި އަޚްލާޤީ ތަރުބިއްޔަތު ދިނުމަށް ވަނީ ރޭވިފައެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 1 ވަނަ ދުވަހު ހުޅުވާލައިފައިވާ އިރު، ފޯމް ހުށަހެޅުމުގެ ސުން ގަޑިއަކީ ޖޫން މަހުގެ ފުރަތަމަ ދުވަހުގެ މެންދުރު 12:00 އެވެ.
ރިއެކްޝަންސް






