
ހުއްދަ ހޯދުމަކާ ނުލާ, މާލޭގައި މުޒާހަރާކުރެވޭނެ ސަރަހައްދުތައް އިތުރުކޮށްފި
ކުރިން ހުއްދަ ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅެވޭނެ ސަރަހައްދުތައް ސަރުކާރުން އިތުރުކޮށްފިއެވެ.
ހޯމް މިނިސްޓްރީން މިއަދު ވަނީ ކުރިން ހުއްދަ ހޯދުމަކާ ނުލާ އިތުރު ތިން ތަނެއްގައި އެއްވެ އުޅެވޭނެ ކަމަށް ކަނޑައަޅުއްވާ, ގެޒެޓްކޮށްފައެވެ. އެއްވެ އުޅުމުގެ ޤާނޫނުގެ ދަށުން މިއަދާ ހަމައަށް ކުރިން ހުއްދަ ހޯދުމަކާ ނުލާ އެއްވެ އުޅުމުގެ ހުއްދަ އޮންނަނީ ހަމައެކަނި ކާނިވާ ސަރަހައްދުގައެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ކުރި އާއްމު އިއުލާނުގައި ބުނެފައިވަނީ އިތުރު ސަރަހައްދުތަކެއް ކަނޑައެޅުއްވީ ސުލްހަވެރިކަމާ އެކު، އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ހުއްދަ ނެތި މުޒާހަރާ ކުރެވޭނެ ކަމަށް މިހާރު ކަނޑައަޅާފައި ވަނީ އެންމެ ސަރަހައްދެއްގައި ކަމަށް ވާތީ، މާލޭގައި އެ ފުރުސަތު އިތުރަށް ފަހިކުރުމުގެ ގޮތުން ކަމަށެވެ.
މިހާރު މުޒާހަރާކުރެވޭނެ ސަރަހައްދުތަކަކީ
- ހެންވޭރު ކާނިވާ ސަރަހައްދު
- ރަސްފަންނު ސަރަހައްދު
- މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު
- އުސްފަސްގަނޑު ސަރަހައްދު
ހޯމް މިނިސްޓްރީން މިފަދަ އިއުލާނެއް ނެރެފައި މިވަނީ މާލޭގައި މިފަހަކަށް އައިސް ސިލްސިލާކޮށް މާލޭގެ މައި މަގުތަކުގައި މުޒާހަރާތަކެއް ކުރަމުން ދަނިކޮށެވެ. އަދި މި ހުސްވިމަހުގެ 18 ވަނަ ދުވަހުގެ ރޭ އުސްއިމާރާތަކުން ގުދަނެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މަރިޔަމް ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުންތަކެއް މުޒާހަރާކުރަމުން އަންނަ ވަގުތެއްގައެވެ. އަދި މި ޒުވާނުން ރޭގައި ކުރަމުން ގެންދިޔަ މުޒާހަރާ ވަނީ ދިވެހި ފުލުހުންގެ ބާރު ބޭނުންކޮށްގެން ރޫޅާލައި ދެ ޒުވާނަކު ހައްޔަރުވެސް ކޮށްފައެވެ.
ރިއެކްޝަންސް






