
ދިވެހިންގެ ދޮށީގެ މަސްވެރިކަމަކީ ދުނިޔެއަށް ނަމޫނާއެއް: ރައީސް މުޢިއްޒު
ދިވެހި މަސްކަނޑުތަކުގައި ދިވެހީން ކުރާ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށްވެސް ނަމޫނާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ދުނިޔޭގައި ފާހަގަކުރަމުންގެންދާ ދުނިޔޭގެ ކަނޑުމަހުގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނުގެ މި ޕޯސްޓުގައި ވަނީ މިއަދުގެ މިނާސަބަތުގައި މަސްވެރިކަމުގެ ޞިނާޢަތް ނެގެހެއްޓުމަށް މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.
މެއި 2 އަކީ ކޮންމެ އަހަރަކުވެސް ފާހަގަކުރާ ދުނިޔޭގެ ކަނޑުމަހުގެ ދުވަހެވެ.
ރާއްޖެއަކީ ޒަމާނުއްސުރެ ދޮށީގެ މަސްވެރިކަން ކުރަމުން އަންނަ، މަސްވެރިކަމުގެ ފަޚުރުވެރި ތާރީޚެއް އޮތް ޤައުމެކެވެ. ރާއްޖޭގައި މަސް ބާނަނީ ދޮށީގައި ފަހަރަކު މަހެއްގެ މަގުންނެވެ. މިއީ ދެމެހެއްޓެނިވި މަސްވެރިކަމުގެ ރީތި ނަމޫނާއެކެވެ. ރާއްޖޭގައި މަސްވެރިކަން ކުރަމުން އަންނަ މިގޮތަކީ ދުނިޔޭގެ ގިނަބައެއްގެ ސަމާލުކަންވެސް ލިބިފައިވާ ގޮތެކެވެ.
ރާއްޖޭގައި ޒަމާނުންސުރެ ކުރަމުން އަންނަ ދޮށީގެ މަސްވެރިކަމަށް މިފަހަކަށް އައިސް ގެނެވިފައިވާ އެންމެ ބޮޑު އެއް ބަދަކީ މަސްކަނދުފައްޗާއި، އަދި ވަދު ކަނދުފަތި ހަރުކުރުމެވެ. މިކަނދުފަތިތައް ހަރުކުރުމުން މަސްވެރިންނަށް މަސްއައިން ނުވަތަ މަސްއުޅޭ ސަރަހައްދުތައް ހޯދުމަށް ގިނަތަންތަނުގައި ދުއްވުމުގެ ބަދަލުގައި ސީދާ މަސްއުޅޭ ސަރަހައްދުތައް ފާހަގަކުރުމުގެ ފުރުސަތު ލިބިގެން ދިޔައެވެ.
މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ރާއްޖޭގައި ކުރިން އަޅާފައިވާ މަސްކަނދުފަތިތައް ޒަމާނީ ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ރިއެކްޝަންސް






