
ފުރާޅު މައްޗަށް އަންހެން މީހާ ވެއްޓުނީ އެހެން މީހެއްގެ ސަބަބަކުން ނޫން- ފުލުހުން
ބެލެވެނީ މަސްތުގެ ހާލަތުގައި ހުރިކަމަށް
ފުރާޅު މައްޗަށް އަންހެން މީހާ ވެއްޓުނީ އެހެން މީހެއްގެ ސަބަބުން ނޫން ކަމަށް ފުލުހުން ބުނެފިއެވެ. އެހާދިސާއާ ގުޅިގެން ތަފާތު ގޮތްގޮތަށް ވާހަކަދައްކާ ސޯޝަލް މީޑިޔާގައި ބައެއްގެ މައްޗަށް ތުހުމަތުތަކެއް ކުރަނިކޮށް, ރޭ ލަސްގަޑިއެއްގައި ފުލުހުން ކުއްލިއަކަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔަގީންކަން ދިނީ އެއަންހެން މީހާ ފުރާޅެއްގެ މައްޗަށް ވެއްޓުނީ ދެވަނަ މީހެއްގެ ސަބަބުން ނޫންކަމެވެ.
ހ.ފެންޓޮނޯއި ގޭގެ 9 ވަނަ ފަންގިފިލާއިން ގެއެއެއްގެ ފުރާޅު މައްޗަށް އެއަންހެން މީހާ ވެއްޓުނީ ފަތިހުގެ ވަގުތެއްގައެވެ. އެހާދިސާ ހިނގީ އެއަންހެން މީހާއާއި އިތުރު ފިރިހެނަކު ފެންޓޮނޯއި ގޭގެ 7,8 އަދި 9 ވަނަ ފަންގިފިލާގެ ސިޑި މަތީގައި ހަރަކާތްތެރިވެ, އެތަނުގައި ބަދުއަޚްލާގީ އަމަލުވެސް ހިންގި ފަހުން ކަމަށް ފުލުހުން ވިދާޅުވިއެވެ. އެކަމަކު އެގެއަކީ އެއަންހެން މީހާއާއި އޭނާއާއެކު ވަން ފިރިހެން މީހާއާ ގުޅުމެއް ނެތް ގެއެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަންހެން މީހާ ވެއްޓުނީ އެހެން މީހެއްގެ ސަބަބުން ނޫންކަމަށް ބާރުދޭން ފުލުހުން ވިދާޅުވީ އަންހެން މީހާ ވެއްޓުނު އަޑު ސީސީޓީވީއަށް ރެކޯޑްކުރެވިފައިވާ ވަގުތު އެގޭގެ ސީސީޓީވީން ފިރިހެން މީހާ ފެންނަ ކަމަށެވެ.
އެދެމީހުންވެސް އެގެއަށް ވަންއިރުވެސް ތިބީ މަސްތުގެ ހާލަތުގައި ކަމަށް ބެލެވޭ ކަމަށާއި, ޓެސްޓްތަކުގެ ވަގުތީ ނަތީޖާއިންވެސް ޕޮޒިޓިވް ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ނޫސްވެރިންނަށް ދެއްކި ވީޑިއޯގައި އަންހެން މީހާ ވެއްޓޭ ތަނާއި, ބަދު އަޚްލާގީ އަމަލު ހިންގިކަމަށް ބުނާ ބައެއް ނުދައްކައެވެ. ނޫސްވެރިންގެ ބައްދަލުވުން ލައިވްއެއްވެސް ނުކުރެއެވެ. އަދި ރެކޯޑް ކުރުމުގެ ފުރުޞަތެއްވެސް ނުދެއެވެ.
އެހާދިސާ ހިނގުމުގެ ކުރިން އެދެމީހުންނާއި އިތުރު ހަ މީހަކު މާލޭގެ އެހެން ގެޔަކަށް ދިޔަކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އެއީ މެންދަމު 12:30 ހާއިރު ކަމަށް ޕްރެސްކޮންފަރެންސްގެ ފަހުން ފުލުހުން މީޑިޔާ ގްރޫޕްގައި ހިއްސާކުރި މެސެޖްގައިވެސް ވިދާޅުވެފައި ވެއެވެ. އަދި އެމީހުން ހެންވެއިރުގައި ހުންނަ އެގެއިން ނިކުތީ ފަތިހު 3:40 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަންހެން މީހާ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ ފަތިހު 4:42 ހާއިރު އެވެ. އަންހެން މީހާއަށް ފުރަތަމަ ފަރުވާ ދިނީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ. ނަމަވެސް 21 އަހަރުގެ އެއަންހެން މީހާ މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފައެވެ. އަދި އޭނާއާއެކު އެގެއަށް ވަން ފިރިހެން މީހާގެ ޕާސްޕޯރޓް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ރިއެކްޝަންސް






