
ޑިޖިޓަލް އިޤްތިޞާދެއްގައި ރާއްޖެ ކުރިއަރާއިރު ރައީސްގެ އޮތީ ޒުވާނުންގެ ފަންނުވެރިކަމުގެ ފުރިހަމަ ޙިއްޞާ އޮތުމުގެ ތަސައްވަރެއް
ޑިޖިޓަލް އިޤްތިޞާދެއްގައި ރާއްޖެ ކުރިއަރާއިރު އޮތީ ޒުވާނުންގެ ފަންނުވެރިކަމުގެ ފުރިހަމަ ޙިއްޞާ އޮތުމުގެ ތަސައްވަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހި ޒުވާނުންގެ އާބާދީއަށް ޚާއްޞަ ކުރައްވައިގެން، މީސް މީޑިއާގައި މިއަދު އާންމުކުރެއްވި ސިލްސިލާ ޕޮޑްކާސްޓް "ސްޕޮޓް އޮން"ގެ ފުރަތަމަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް، ތިން ބައިކުޅަ އެއްބައި ޙިއްޞާކުރާ ޒުވާނުންގެ މެދުގައި ހުރި ކަންބޮޑުވުންތަކާ ބެހޭގޮތުން އެމަނިކުފާނާ ކުރިމަތިކުރުވި ސުވާލުތަކަށް ޖަވާބުދެއްވާފައެވެ. ޒުވާން ޖީލަށް އުންމީދު އައުކޮށްދެނިވި ވާހަކަތަކެއް ހިއްސާކުރައްވަމުން ވިދާޅުވީ ޒުވާނުންނަށްޓަކައި ކުރިމަގަށް ކުރެއްވޭ އެންމެ ބޮޑު އުންމީދަކީ، ޑިޖިޓަލް އިޤްތިޞާދެއްގެ ގޮތުގައި ރާއްޖެ ކުރިއަރާ ދާއިރު، އެކަމުގައި ޒުވާނުންގެ ފަންނުވެރިކަމުގެ ފުރިހަމަ ޙިއްޞާވެސް އޮތުން ކަމަށެވެ.
މިހާރުވެސް ޒުވާނުން އެދާއިރާގައި އަދާކުރާ ދައުރު ބޮޑު ކަމަށާއި، ނަމަވެސް ހުރިހާ ގޮތަކުންވެސް މިކަމުގެ އެންމެ ކުރީގައި ޒުވާނުން ތިބުމަކީ އެމަނިކުފާނު އެދިވަޑައިގަންނަނަވާ ގޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ކުރިއަރާ ދާއިރު، ދިވެހި ކޮންމެ ޒުވާނަކީ، ދިވެހިވަންތަ، ފަޚްރުވެރި، އަދި އިސްލާމް ދީނަށް ލޯބިކުރާ މީހެއްގެ ގޮތުގައި ކުރިއަރާ ދިއުމަށްވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޒުވާނުންގެ ފުރިހަމަ ބައިވެރިވުމާއެކު ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށްވުމީ އެމަނިކުފާނުގެ ދުރު ރާސްތާގެ ތަޞައްވުރު ކަމަށެވެ.
ސަރުކާރުގެ ފަރާތުން ޒުވާނުން އެންމެ އުންމީދުކުރާ ކަމަކީ ކޮބައިތޯ ރައީސުލްޖުމްހޫރިއްޔާ ސުވާލުކުރެއްވިއެވެ. އަދި ޒުވާނުން ފާހަގަކުރެއްވި ކަންކަމަށް، އެ މަނިކުފާނުގެ ސަރުކާރުން ހޯއްދަވައިދެއްވާ ޙައްލުތަކުގެ ވާހަކަ، ޙިއްޞާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަނިކުފާނަކީ ދެއްކުންތެރިކަމުގެ ނިޔަތުގައި އެއްޗެއް ވިދާޅުވާނެ ބޭފުޅެއް ނޫންކަމަށެވެ. ޒުވާނުންނަށް ކޮށްދެއްވާނެކަމަށް ވިދާޅުވި ކަންކަން ކޮށްދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ރިއެކްޝަންސް






