
އެސްޓަންވިލާއިން 4-1 ން ނިއުކާސަލް ބަލިކޮށް ޗެޕްމިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމާ ގާތަށް!
އިނގިރޭސި ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހު އެސްޓަންވިލާއިން 4-1 ން ނިއުކާސަލް ޔުނައިޓަޑް ބަލިކޮށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމާގާތަށް ޖެހިލައިފިއެވެ.
އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ޕްރިމިއަރ ލީގުގެ ގަދަ ފަސް ޓީމަށް ޖާގަ ލިބޭއިރު މި ނަތީޖާ އާއެކު އެސްޓަންވިލާ މިވަގުތު އޮތީ 57 ޕޮއިންޓާއެކު ތާވަލްގެ ހަ ވަނައިގައެވެ. ނޮޓިންގްހަމަ ފޮރެސްޓް ފަސްވަނައިގައިވެސް އޮތީ ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި މެންޗެސްޓަރ ސިޓީ އޮތީ އެ ދެ ޓީމަށްވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ.
މިސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްސްގެ ދެވަނަ ލެގުގައި ފްރާންސްގެ ޕެރިސް ސެއިންޓް- ޖެމައިން ގެ މައްޗަށް ކުރިހޯދީ އެސްޓަންވިލާއެވެ. ނަމަވެސް އެގްރެގޭޓުން ކުރިހޯދާ ޕީއެސްޖީން ވަނީ އެސްޓަންވިލާ މުބާރާތުން ކަޓުވާލާފައެވެ.
ވިލާޕާކުގައި ކުޅުނު މެޗު ފެށިގެން މިނިޓެއްނުވަނީސް އެސްޓަންވިލާއަށް ލީޑު ނަގައިދިނީ އޮލީ ވަޓްކިންސްއެވެ. ނިއުކާސަލްގެ ހަމައެކަނި ގޯލާއެކު 18 ވަނަ މިނިޓްގައި އެޓީމަށް ނަތީޖާ އެއްވަރުކޮށްދިނީ ފަބިއަން ސާޝާއެވެ.
ދެވަނަ ހާފުގައި މެޗުގެ 64 ވަނަ މިނިޓްގައި އެސްޓަންވިލާއަށް އަލުން ލީޑު ނަގައިދިނީ އިއަން މާސްޓެން އެވެ. ވިލާގެ ތިންވަނަ ގޯލަކީ ނިއުކާސަލްގެ ޑެން ބާން އަތުން ބައިކޮޅަށް ވައިން ގޯލެކެވެ. 75 ވަނަ މިނިޓްގައި ވިލާއަށް ހަތަރުވަނަ ގޯލް ކާމިޔާބުކޮށްދިނީ އޭގެ ތިން މިނިޓްކުރިން ކުޅުމުގެ ތެރެއަށް ނިކުއިން އަމަޑޫ އޮނާނާއެވެ.
މި ނަތީޖާއާ އެކީ ޗެލްސީ ތާވަލްގެ ހަތްވަނައަށް ވެއްޓިފައިވާއިރު އާދިއްތަ ދުވަހު ޗެލްސީން ފުލަމް އާ ދެކޮޅަށް ނިކުންނާނެއެވެ. މެޗުން ބަލިވި ނަމަވެސް 59 ޕޮއިންޓާއެކު ނިއުކާސަލް ޔުނައިޓަޑް މިވަގުތު އޮތީ ތާވަލްގެ ތިންވަނައިގައެވެ.
ރިއެކްޝަންސް






