
ނޭދެވޭ އިޖުތިމާޢީ ބަލިތަކުން މުޖުތަމަޢު ސަލާމަތްކުރުމަކީ ޢިލްމު ލިބިގެންވާ މީހުންގެ ޒިންމާއެއް- ރައީސުލްޖުމްހޫރިއްޔާ
ދިވެހި މުޖުތަމަޢުގައި ހުރި އެކި ކަހަލަ ނޭދެވޭ އިޖުތިމާޢީ ބަލިތަކުން މުޖުތަމަޢު ސަލާމަތް ކުރުމަކީ، ޢިލްމު ލިބިފައިވާ މީހުންގެ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މި ފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރިވެތި އަޚުލާޤުން ޖަރީވެފައިވާ މުޖުތަމަޢަކަށް ހެދުމަށް އެންމެން އެކުގައި މަސައްކަތްކޮށްފިނަމަ، މި ކުޑަކުޑަ ދިވެހި މުޖުތަމަޢު އިޞްލާޙުކުރެވޭނެ ކަމަށެވެ. އަޅުގަނޑުމެންގެ ކިބައިގައި ޤައުމުގެ ކަންކަން ހެޔޮ މަގުން ކުރިއަށް ގެންދިއުމުގެ ވިސްނުން ނެތީވިއްޔާ، ޤައުމުގެ ކަންކަން އިޞްލާޙުވެގެންދާނީ ކޮންފަދައަކުންތޯ ރައީސުލްޖުމްހޫރިއްޔާ ސުވާލުކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ މާތްވެގެންވާ ކީރިތި ޤުރުއާނުންވެސް އަޅުގަނޑުމެންނަށް ދައްކުވައިދޭ މަގަކީ މިއީ ކަމަށެވެ. ސައްތަ އިންސައްތަ އިސްލާމީ ޤައުމެއްގައި، އިސްލާމީ ރިވެތި އަޚުލާޤު އަށަގެންނެވުމަށް މަސައްކަތްކުރުމަކީ ޢިލްމު އުނގެނިގެން ތިބި ބައެއްގެ މައްޗަށް އޮތް ޒިންމާއެއްކަން ފާހަގަކުރައްވާ ވިދާޅުވީ މިއީ އެކަމަކާ މެދު ސުވާލުވެވޭނެ ކަމެއް ކަމަށެވެ.
ޤައުމަށް ދިމާވެފައިވާ މައްސަލަތައް، ޙައްލުކުރުމުގެ ޚިޔާލާއި ފިކުރު ނެތް ނަމަ، ޤައުމުގެ ކަންކަން އިޞްލާޙުނުވާނެކަން ފާހަގަކުރައްވާ ވިދާޅުވީ މައިންބަފައިންގެ ޢަޒުމަކަށް ވާންވީ ދަރީންނަށް ލިބުނު ކާމިޔާބީއާއެކު އެ މަގު ދައްކައިދިނުން ކަމަށެވެ. ތަޢުލީމީ މުއައްސަސާގެ ޒިންމާއަކަށް ވާން ވާނީ މި ރޮނގުން އިތުރު ކުރިއެރުންތައް ހޯދުމަށް މަސައްކަތްކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރިވެތި އަޚުލާޤުން ޖަރީވެފައިވާ މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތްތަކެއް ކޮށްފިކަމުގައިވާނަމަ، ދިވެހި މުޖުތަމަޢު އިޞްލާޙު ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި އުސޫލުން ކަންކަން ބައްޓަންކުރަން މަސައްކަތްކުރުމަށް ލޯމަރާލެވެން ނެތް ކަމަށާއި، މި ފިކުރު އަށަގެންނެވިގެން ނޫނީ، މުޖުތަމަޢުގައި ހުރި މުންކަރާތްތަކަށް ނޫނެކޭ ބުނެވެން ނޯންނާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ވަރުގަދަ ކުރެއްވުމަށްޓަކައި، މާތް ﷲގެ އިރާދަފުޅާއެކު، އެ މަނިކުފާނުގެ ސަރުކާރުން ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ. ޖާގައާއި ވަޞީލަތުގެ ގޮތުން ޔުނިވަރސިޓީއަށް ބޭނުންވާ ކުރިއެރުންތައް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން މި އަހަރު 900 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.
ރިއެކްޝަންސް






