
އިތުރުވަގުތުގެ ޕެނަލްޓީއިން ކުރިހޯދާ ބާސެލޯނާ 7 ޕޮއިންޓްގެ ސާފު ލީޑެއްގައި
ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހު ސެލްޓާވީގޯއާ ވާދަކޮށް ފަހުވަގުތު ލިބުނު ޕެނަލްޓީން މެޗު ކާމިޔާބުކޮށްގެން ބާސެލޯނާއިން ތާވަލްގައި 7 ޕޮއިންޓްގެ ސާފު ލީޑެއް ހޯދައިފިއެވެ. ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗު ބާސެލޯނާއިން 4-3 ން ކާމިޔާބުކުރި އިރު ސެލްޓަވީގޯގެ ބޯރްޖާ އިގްލޭސިއާ ވަނީ ހެޓްރިކް ހަދާފައެވެ.
ނަތީޖާއާއެކު ބާސެލޯނާއަށް ތާވަލްގެ ކުރި ލިބެނީ 73 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑުން 66 ޕޮއިންޓް ހޯދާފައިވާއިރު ތިންވަނައިގައި އެތްލެޓިކޯ މެޑްރިޑް އޮތީ 63 ޕޮއިންޓާއެކުއެވެ. ރެއާލުން އާދިއްތަ ދުވަހު ނިކުންނާނީ އެތްލެޓިކޯ ބިލްބާއޯ އާ ދެކޮޅަށެވެ.
ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލީޑު ނެގީވެސް ބާސެލޯނާއިންނެވެ. 12 ވަނަ މިނިޓްގައި އިނީގޯ މާޓިނޭޒް ތަނަވަސްކޮށްދިން ފުރުޞަތުގައި ބާސާގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ ފެރަން ޓޮރޭސް އެވެ.
ނަމަވެސް އޭގެ ދެ މިނިޓް ފަހުން ޕަބްލޯ ޑުރާން ނަގައިން ހުރަހެއް ގޯލަށް ފޮނުވާލައިގެން ބޯރްޖާ އިގްލޭސިއަސް ވަނީ ސެލްޓަވީގޯއަށް ނަތިޖާ އެއްވަރުކޮށްދީފައެވެ. ފުރަތަމަ ހާފު ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ.
ދެވަނަ ހާފު ފެށިގެން ހަތް ވަނަ މިނިޓްގައި ސެލްޓަވީގޯއަށް ލީޑު ނަގައިދިނީވެސް އިގްލޭސިއަސްއެވެ. ގާތްގާތުގައި ގެނައި ދެބަދަލާއެކު ބާސެލޯނާއަށް ކުޅުމުގެ ތެރެއަށް ރަނގަޅަށް ނުވަދެވި އުޅެނިކޮށް ސެލްޓަވީގޯއިން ވަނީ އަނެއްކާވެސް ބާސެލޯނާ ސިއްސުވާލާ ލީޑު ފުޅާކޮށްފައެވެ. 62 ވަނަ މިނިޓްގައި ތިންވަނަ ގޯލާއެކު ހެޓްރިކް ހަދާ އިކްލޭސިއާ ވަނީ ބާސެލޯނާއަށް އެނބުރި ކުޅުމުގެ ތެރެއަށް އައުމަށް ކުޑަވަގުތުކޮޅެއްގެ ސިހުމެއް ދީފައެވެ. ނަމަވެސް ސެލްޓަވީގޯއިން ނަތީޖާ 3-1 ށް ބަދަލުކޮށްލިއިރު މެޗުގެ 30 މިނިޓް ބާކީ އަދި އޮތެވެ.
ބާސެލޯނާއަށް 64 ވަނަ މިނިޓްގައި ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ނިކުއިން ޑެނީ އޮލްމޯއެވެ. އޭގެ ހަތަރު މިނިޓްފަހުން ލަމީން ޔަމާލް ނަގައިދިން ހުރަހެއް ބޮލުންޖަހާ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ބާސެލޯނާއަށް ނަތީޖާ އެއްވަރުކޮށްދިނީ ރަފީނިއާއެވެ. ދެވަނަ ގޯލް ޖެހުމުގައި އެހީތެރިވީވެސް އޭނާއެވެ.
އޮލްމޯއަށް ކުރި ފައުލަކާ ގުޅިގެން ބާސެލޯނާއަށް ޕެނަލްޓީ ލިބުނީ މެޗުގެ ފުރިހަމަ ވަގުރު ނިމި އިތުރުވަގުތުގެވެސް އަށް ވަނަ މިނިޓްގައެވެ. ރަފީނިއާގެ ޕެނަލްޓީ އާއެކު މެޗު ނިމުމާއި އެކު ބާސެލޯނާގެ ކޯޗު ހެންސް ފްލިކް ވަނީ ދުވެފައިގޮސް ރަފީނިއާގެ ގައިގައި ބައްދާލާ އުފާފާޅުކޮށްފައެވެ.
ރިއެކްޝަންސް






