
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހަކީ މެއި 3
މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ, ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން އިއުލާނުކުރެއްވީ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 4 ވަނަ އެޕިސޯޑްގައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.
ބައިނަލްއަޤްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހަކީ މެއި މަހުގެ 3 ވަނަ ދުވަހެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަޢުލޫމާތު ހިއްސާކުރެއްވުމަށް އެމަނިކުފާނު ޚާއްޞަ އިސްކަމެއް ދެއްވާކަމަށެވެ.
މެއި މަހުގެ 3 ވަނަ ދުވަހު އެމަނިކުފާނު ކުރިއަށް ގެންދަވާ ނޫސް ކޮންފަރެންސްގައި ކޮންމެ ކަހަލަ ސުވާލެއްވެސް ކުރިމަތިކުރެއްވިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ އެދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމަށް މިހާރުން ފަށައިގެން ނޫސްވެރިން ތައްޔާރުވެވަޑައިގެންނެވުމަށް ދައުވަތުވެސް އަރުއްވާފައެވެ.
މީގެ އިތުރުން ޓީވީ ސްޓޭޝަނަކުން ދަޢުވަތު ދެއްވައިފިނަމަ، އެ ސްޓޭޝަނަކުން ކުރިއަށް ގެންދަވާ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން، ސުވާލުތަކަށް ޖަވާބުދެއްވުމަށްވެސް ތައްޔާރަށް ހުންނެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހުރިހާވެސް އަމާޒަކީ ނަތީޖާ ނެރެދެއްވުން ކަމަށާއި، އެހެންކަމުން ގިނަ ވަގުތު ހޭދަކުރައްވަނީ މަސައްކަތުގެ ތެރޭގައި ކަމަށެވެ. ނަމަވެސް، ވަގުތު ލިބިވަޑައިގެންނެވި މިންވަރަކުން، މަޢުލޫމާތު ޙިއްޞާ ކުރެއްވުމާ ގުޅުން ހުރި ކަންކަމަށް ވަގުތު ހުސްކުރައްވާނެ ކަމަށާ، ކުރިއަށް އޮތްތަނުގައި ސީދާ ނޫސްވެރިންނަށްވެސް ވަގުތު ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ރިއެކްޝަންސް






