ވިޕާ ޚިލާފަށް ވޯޓު ދެއްވި މައްސަލަ ބަލައި ފިޔަވަޅު އަޅާނަން: ކެލާ އިބުރޭ
ވިޕާ ޚިލާފަށް ވޯޓު ދެއްވި މައްސަލަ ބަލައި ފިޔަވަޅު އަޅާނަނެ ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރުކެލާ އިބުރޭ ވިދާޅުވެއްޖެ
ވިޕާ ޚިލާފަށް ވޯޓު ދެއްވި މައްސަލަ ބަލައި ފިޔަވަޅު އަޅާނަނެ ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރުކެލާ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުން ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު ބޭއްވި ޖަލްސާގައި މެންބަރުންތަކެއް ޕާޓީގެ ވިޕާ ޚިލާފުވި ނަމަވެސް، މެންބަރުންގެ މެދުގައި މާ ބޮޑު މައްސަލައެއް އުޅޭ ކަމަށް ފާހަގަނުކުރެވޭ ކަމަށް އިދިކޮޅު އެމްޑީޕީން ވިދާޅުވިއެވެ.
ބައެއް މެންބަރުންނަށް އޮޅިގެން ވެސް ގޯސްކޮށް ވޯޓު ދެވިފައި ހުރި ކަމަށާއި, ޕާޓީ ތެރޭގައި މައްސަލަ ޖެހި، އެއްވެސް މެންބަރަކު ކަންބޮޑުވުން ފާޅުކުރައްވާފައި ނުވާ ކަމަށް ކެލާ އިބުރޭ ވިދާޅުވިއެވެ. ނަމަވެސް އެ މެންބަރުން ގަސްތުގައި ވިޕާ ޚިލާފުވެފައިވާ ނަމަ މައްސަލަ ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ގަސްތުގައި ދީފަ ހުރިއްޔާ އަޅުގަނޑުމެއް އެކަންތައް ބަލާނަން... މައްސަލައެއް ފާހަގަކުރެއްވިއްޖެއްޔާ އަޅުގަނޑުމެން ސުލޫކީ މައްސަލަތައް ބަލާ ގޮތަށް މައްސަލަ ބަލައި ފިޔަވަޅު އަޅާނަން،" އޭނާ ވިދާޅުވިއެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި އިކޮނޮމިކް މިނިސްޓަރ، މުހައްމަދު ސައީދުގެ އިތުރުން، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި ބަންޑާރަ ނައިބު އަހުމަދު އުޝާމަށް ރުހުން ނުދޭން އެމްޑީޕީގެ ގައުމީ މަޖިލީހުގެ އަގުލަބިއްޔަތުން ނިންމައި ވަނީ ވިޕްލައިނެއް ނެރެފައެވެ.
އެ ވިޕްލައިނާ ހިލާފަށް ވޯޓު ލުމުގެ ސަބަބުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް މަޖިލީހުގެ ރުހުން ވަނީ ލިބިފައެވެ.
ސައީދަށް ރުހުން ދިނުމަށް މަޖިލީހުން ފާސްވީ ފަސް ވޯޓުގެ ފަރަގުންނެވެ.
ރިއެކްޝަންސް