
ސަރުކާރުގެ އެންމެ އިސް އެއް ވާޖިބަކަށް ވާންޖެހޭނީ ސިފައިންނާއި ފުލުހުންނަށް ބޭނުންވާ ކަންކަން ކޮށްދިނުން- ރައީސް
ސިފައިންނާއި ފުލުހުންގެ ކަންކަން ފުރިހަމަކުރުމަކީ ފަޚުރެއް އަދި ޒިންމާއެއް
ސަރުކާރުގެ އެންމެ އިސް އެއް ވާޖިބަކަށް ވާންޖެހޭނީ ސިފައިންނާއި ފުލުހުންނަށް ބޭނުންވާ ކަންކަން ކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސިފައިންނާ ފުލުހުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެދެ މުއައްސަސާ ކުރިއަރުވަން ސަރުކާރުން ކޮށްދޭން ޖެހޭ ކަންކަމަށް އިސްކަން ދޭން ޖެހޭނެ ކަމަށާއި, މިސަރުކާރުގެ ސިޔާސަތަކީވެސް އެއީ ކަމަށެވެ. ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތް ކުރަމުން ގެންދިޔައީ އެގޮތުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެއީ އަޅުގަނޑަށް ލިބޭ ފަޚުރެއް ކަމުގައި އަޅުގަނޑު ދެކެން. އަދި އަޅުގަނޑުގެ ޒިންމާއެއްގެ ގޮތުގައި އަޅުގަނޑު ދެކެން." ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ލަޔާޣަތާ ޤާބިލްކަން ތަންދިން އެންމެ ފުންމިނެއްގައި, އެންމެ ފުޅާ މިނެއްގައި މަސައްކަތްކުރެއްވީ ސިފައިންނާއި ފުލުހުންނަށް ކަންކަން ފުރިހަމަކޮށްދިނުމަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިދިޔަ ގިނަ އަހަރުތަކެއްގައި އެދެ މުއައްސަސާއަށް އޮތީ އަޅާނުލެވި ކަމަށެވެ. އެކަމަކު އެކަމަށް ނިމުން ގެނެސް ސިފައިންނަށާއި ފުލުހުންނަށް ބޭނުންވާ ކަންކަމުގައި ކުރިއެރުން ހޯދައިދިނުމަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި މިދިޔަ ދޮޅު އަހަރަށްވުރެ ރަނގަޅަށް, ފުރިހަމައަށް ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ސިފައިންނާއި ފުލުހުންނަށް އިސްކަންދޭ ސަބަބާމެދު އަމާޒުވާ ސުވާލުތަކަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ އެހެން ގައުމުތަކުގެ އެހީތެރިކަން ހޯދިޔަސް އެހެން ގައުމެއް ބަޔަކު އައިސް އަޅުގަނޑުމެންގެ ގައުމުގެ ކަންކަމާ ހަވާލުވެގެން ކުރުމަކީ ސަރުކާރުގެ ސިޔާސަތު ނޫން ކަމަށެވެ. ރައީސް ވިދާޅުވީ މިއީ ހިތުގައި މިނިވަންކަމުގެ ލޯތްބާއި ޖޯޝް އަދި ގައުމީ ލޯބި ނެތް ބަޔަކަށް ގަބޫލުކުރެވޭ ކަމަކަށް ނުވެދާނެ ކަމަށެވެ.
ރިއެކްޝަންސް






