ސަޢޫދީ ޑިވެލޮޕްމަންޓް ފަންޑްގެ ސީއީއޯ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައިފި
ސައުދީ ޑިވެލޮޕްމަންޓް ފަންޑްގެ ސީއީއޯ އާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވަނީ: ފޮޓޯ-ރައީސް އޮފީސް

ސަޢޫދީ ޑިވެލޮޕްމަންޓް ފަންޑްގެ ސީއީއޯ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައިފި

2 days ago - 14:29
Apr 14, 2025 - 14:30
Advertisement
Advertisement

ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ، ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް ޤަބޫލުފުޅުކުރެއްވީތީ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދަށް މަރުޚަބާ ދަންނަވާފައެވެ. ދިވެހި ސަރުކާރުން މި ޝަރަފު އެ މަނިކުފާނަށް އަރުވާފައި މިވަނީ، އެ މަނިކުފާނުގެ އިސްނެންގެވުމުގެ ދަށުން ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ފަރާތުން ދިވެހިރާއްޖޭގެ ތަރައްޤީއަށާއި ކުރިއެރުމަށް ކޮށްދެއްވާ މުހިންމު ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ފަރާތުން ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ މުހިންމު ބައެއް މަޝްރޫޢުތަކުގެ ގޮތުގައި ފާހަގަކޮށްލެވޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމާއި ޞިއްޙީ ދާއިރާ އާއި ބޯހިޔާވަހިކަމުގެ ދާއިރާގެ ތަރައްޤީއަށް ދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ މެދުގައި އޮތް ދޭދޭ ގުޅުންތައް ބަދަހިކޮށް، ގުޅިގެން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ދެބޭފުޅުން ފާޅުކުރެއްވިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ މިހާރު ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތައް ވަގުތަށް ނިންމުމަށާއި، ގުޅިގެން ކުރެވޭ މިފަދަ މަސައްކަތްތަކުން ރައްޔިތުންނަށް ފައިދާ ލިބިދޭފަދަ ނަތީޖާތަކެއް ނެރުމުގެ އުންމީދު އައުކުރައްވާފައެވެ.

Advertisement
Advertisement

މި ބައްދަލުކުރެއްވުމުގެ ކުރިން ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މެހުމާނުން ސޮއިކުރާ ފޮތުގައި ސޮއިކުރައްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement