
އިޒްރާއިލްގެ ހަމަލާތަކުގެ އަމާޒަކަށް މުޅިންވެސް ކުޑަކުދިންނާއި އަންހެނުން: އދ
އިޒްރާއިލްއިން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިފަހުން ހަމަލާތަކުގެ އަމާޒުފަތްގަނޑަކަށް އެންމެ ބޮޑަށް ހަދާފައިވަނީ އަންހެނުންނާއި ކުޑަކުދިން ކަމުގައި އދ ން ބުނެފިއެވެ. އެގޮތުން މާޗު 18 އިން އެޕްރިލް 9 އަށް ދިން 36 ހަމަލާއެއްގައި މުޅިންވެސް ޝަހީދުވެފައިވަނީ އަންހެނުންނާއި ކުޑަކުދިން ކަމުގައި އދ ން ވަނީ ބުނެފައެވެ.
އދ ގެ އިންސާނީ ހައްޤުތަކާބެހޭ ކަމިޝަނަރުގެ ސްޕޯކްސް ޕަރސަން, ރަވީނާ ޝަމްދާސަނީ ހުކުރު ދުވަހު ވިދާޅުވި ގޮތުގައި އިޒްރާއިލްއިން އާންމުން ދިރިއުޅޭ ތަންތަނަށް ދިން 224 އެޖަމާއަތުން ވަނީ ޑޮކިއުމަންޓް ކޮށްފައެވެ. އެގޮތުން ވިއްސިވިހާލިވެފައިވާ މީހުން ދިރިއުޅޭ ޓެންޓް ތަކާއި ވަގުތީ ހިޔާތަކާއި އެނޫންނވެސް މީހުންދިރިއުޅޭ ތަންތަނަށް މާޗު މަހުގެ މެދެއްހާ ހިސާބުން އެޕްރީލް 9 އާ ދެމެދު ދިން 36 ހަމަލާގައި މުޅިންވެސް މަރުވެފައިވަނީ އަންހެނުންނާއި ކުޑަކުދިންނެވެ.
އދ ން މި ހިސާބުތައް އާންމުކޮށްފައިވަނީ އިޒްރާއިލްއިން މި ފަހުން ދޭންފެށި ހަމަލާތަކުގައި ފަލަޞްޠީނުގެ 1500 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާކަމަށް ރެކޯޑްކުރެވިފައި ވަނިކޮށެވެ. އިޒްރާއިލްއިން ހަމަލާތައް މެދުކަނޑާލުމާ ގުޅޭ އެއްބަސްވުން އުވާލާ އަލުން ހަމަލާތައް ފެށީ މާޗު މަހުގެ 18 ވަނަ ދުވަހުއެވެ.
އިޒްރާއިލްއިން އޭގެ ކުރިން ވަނީ ޣައްޒާ އެއްކޮށް ބަންދުކޮށް 1 މާޗުން ފެށިގެން ޣައްޒާއަށް އިންސާނީ އެހީގެ އެއްވެސް އެއްޗެއް ވަދެވޭނެ ހުރިހާ ދޮރެއް ބަންދުކޮށްފައެވެ. އޭގެ ތެރޭގައި ކާނާއި, ބޯފެނާއި, ބޭހާއި މިނޫންވެސް މިފަދަ ޒަރޫރީ ހުރިހާކަމެއް ވަނީ ބަންދުކޮށްފައެވެ.
"ޣައްޒާއަށް އެހީގެ ތިއްކެއްހާ މިންވަރުވެސް ނުވަދެ މަހަކަށް ވުރެ ގިނަ ދުވަސް މިވީ. ކާބޯތަކެތި, ތެލާއި, ބޭސް މިފަދަ އެއްވެސް އެއްޗެއް އެތެރެނުވޭ. ވިޔަވާރީގެ އެއްވެސް މުދަލެއްވެސް ޣައްޒާއަށް އެތެރެނުކުރެވޭ" ޣައްޒާ ބަނޑަށް ޖެހިދާނެ ކަމުގެ އިންޒާރު ދެއްވަމުން އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގަޓަރޭސް މިހަފުތާގެ ކުރީކޮޅު ނިއު ޔޯކުގައި ރިޕޯޓަރުންނާ ބައްދަލުކޮށް ވިދާޅުވިއެވެ.
އިއްޔެ އެކަނިވެސް އެއް ހަމަލާގައި ޣައްޒާގެ ދެކުނުގެ ހާން ޔޫނިސް އަށް ދިން ހަމަލާއެއްގައި އެއް އާއިލާއެއްގެ 10 މެމްބަރުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތް ކުޑަކުދިންނާއި ތިން އަނަހެނުންނެވެ.
ރިއެކްޝަންސް






