
ހަންކެޑެ މަޝްރޫޢު ފެށުން ލަސްވާ ސަބަބު ސާފްކުރަން މެމްބަރު އަޒާން މަޖިލިހަށް ހުށަހަޅައިފި
ހަންކެޑެ މަޝްރޫޢު ފެށުން ލަސްވާ ސަބަބު ސާފްކުރަން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު ރައްޔިތުންގެ މަޖިލިހުގެ ކަމާގުޅޭ ކޮމިޓީއަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އަށް އެޑްރެސްކުރައްވާ އަޒާން ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައި ވަނީ މަޖިލިހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީއަށް އެމްއެމްޕީއާރުސީގެ ވެރިން ހާޒިރުކޮށް, ސަބަބު އޮޅުން ފިލުވައިދެއްވުމަށެވެ.
އަޒާންގެ ސިޓީގައި ވިދާޅުވެފައިވަނީ އައްޑޫ ސިޓީގެ ހަންކެޑެގައި އިންޓެގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްޤީކުރުމަށް އެމްއެމްޕީއާރުސީން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރި މަޝްރޫޢުގެ އަމަލީ މަސައްކަތް ނުފެށި ދިގުލައިގެން ގޮސްފައިވާތީ އެކަމާ ގުޅިގެން އައްޑޫ ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި ކަމަށެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހު އެމަޝްރޫޢު އިފްތިތާހު ކުރުމަށް ބަޑިބޭހުގެ ކުޅިވަރުތަކާއެކު ކުލަގަދަ ރަސްމިއްޔާތެއް ބޭއްވި ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތަކީ ރުއްގަސް ނެގުންކަން މެމްބަރު އަޒާން ފާހަގަކުރައްވާފައި ވެއެވެ.
އަޒާން އެދިވަޑައިގެންފައިވަނީ ކޮމިޓީއަށް އެމްއެމްޕީއާރުސީގެ ބޭފުޅުން ހާޒިރުކޮށް, ލަސްވާ ސަބަބު ސާފްކުރެއްވުމަށްފަހު ހިއްސާކޮށްދެއްވުމަށެވެ. ހަންކެޑެ މަޝްރޫއަކީ އައްޑޫ ސިޓީގެ ޓޫރިޒަމްގެ މައި މަޝްރޫއެވެ.
ރިއެކްޝަންސް






