
ކުޅިވަރަކީ ސުލްޙަ އާއި ތަރައްޤީއަށް މުހިންމު ވަސީލަތެއް: ރައީސް މުޢިއްޒު
ސުލްޙައާއި ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށް ކުޅިވަރަކީ ވަރުގަދަ ވަސީލަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ "އިންޓަރނޭޝަނަލް ޑޭ އޮފް ސްޕޯޓް ފޯ ޑިވެލޮޕްމަންޓް އެންޑް ޕީސް" ދުވަހާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ތަޞައްވުރަކީ ކުޅިވަރުގެ ދައުރު ހަރުދަނާކޮށް، ހަމަހަމަ އަދި އެންމެން ބައިވެރިވާ މުޖުތަމަޢެއް އުފެއްދުންކަމަށެވެ. މިކަމަށްޓަކައި، ސަރުކާރުން 20 އަހަރު ދުވަހުގެ ނެޝަނަލް ސްޕޯޓްސް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ޕްލޭނުގެ މަޤްޞަދަކީ ކޮންމެ މީހަކަށްވެސް ކުޅިވަރުގެ މައިދާނުގައި ހަމަހަމަ ފުރުޞަތު ފަހިކޮށްދިނުން ކަމަށާއި، އަދި ކުޅިވަރުގެ މައިދާނުގައި ހަމަހަމަ މުސްތަޤުބަލެއް ބިނާކުރުމަށް އެންމެން އެކުގައި މަސައްކަތްކުރުން ވަރަށް މުހިއްމުކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އިންޓަރނޭޝަނަލް ޑޭ އޮފް ސްޕޯޓް ފޯ ޑިވެލޮޕްމަންޓް އެންޑް ޕީސް" އަކީ ކޮންމެ އަހަރެއްގެ އޭޕްރިލް 6 ގައި ފާހަގަކުރާ ދުވަހެކެވެ. މިއަހަރުގެ ޝިއާރަކީ "ލެވެލިން ދަ ޕްލޭއިން ފީލްޑް: ސްޕޯޓްސް ފޯ ސޯޝަލް އިންކްލޫޝަން" އެވެ. މި ދުވަހުގެ މަޤްޞަދަކީ މުޖުތަމަޢުގެ ތަރައްޤީއާއި ހަމަޖެހުމުގައި ކުޅިވަރުގެ މުހިންމުކަން ފާހަގަކުރުމެވެ.
މި ދުވަސް ފާހަގަކުރުމަށްޓަކައި ސަރުކާރުގެ ބައެއް މުއައްސަސާތަކާއި، ކައުންސިލްތަކާއި، އަދި ޖަމުއިއްޔާތައް ގުޅިގެން ކުޅިވަރުގެ ބައެއް ހަރަކާތްތައް މިއަދާއި މިރޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވެއެވެ.
ރިއެކްޝަންސް






