
ރަމަޟާން އަދި ޝައްވާލު މަހުގެ ހަނދު ބެލުމުގައި އާންމުންގެ މަސްލަހަތު ހިފަހައްޓަންޖެހޭ: ޑރ. ޝަހީމް
ރަމަޟާން އަދި ޝައްވާލު މަހުގެ ހަނދާ ގުޅޭ ގޮތުން އިލްމީ ބަހުސްކުރުމަކީ މައްސަލައެއް ނޫން ނަމަވެސް، އެކަން ކުރަންވާނީ އާންމު މަސްލަހަތަށް އަސަރު ނުކުރާ ގޮތަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ ސޯސަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ ރަމަޟާން އަދި ޝައްވާލު މަހުގެ ހަނދުގެ ކަންކަމަކީ ޝަރުޢީ އަޙްކާމްތަކާ ގުޅިފައިވާ ކަންތައްތަކެއް ކަމުން، މިކަމުގައި ރައްޔިތުންނަށް އޮޅުން އަރާ ގޮތަށް ކަމާ ނުގުޅޭ ފަރާތްތަކުން ވާހަކަދެއްކުމަކީ މަޞްލަޙަތު ގެއްލިދާނެ ކަމެއް ކަމަށެވެ.
"ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމުގެ ކަންކަން، ޝަރުޢީ ހަމަތަކާއި، ރާއްޖޭގައި ޢަމަލުކުރުމަށް ކަނޑައެޅިފައިވާ ހަރުދަނާ އުޞޫލުތަކުގެ މަތިން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާނެ،"މިނިސްޓަރު ވިދާޅުވިއެވެ.
އަދި އެއްވެސް ފަރާތަކުން އަމިއްލައަށް ރޯދަ އިޢުލާންކުރުމާއި ޢީދު އިޢުލާންކުރުމަކީ މަޞްލަޙަތު ގެއްލިދާނެ ކަމެއް ކަމަށް ފާހަގަކުރައްވައި، މިކަމަށް ސަމާލުވުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސް ކުރައްވާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވެފައިވާ އިރު މި ދެ ދުވަހު ފިތުރު އީދުގެ ހަނދާއި ގުޅޭގޮތުން ސޯސަލް މީޑިއާގައި ވަރަށް ގިނަ މީހުން ގެންދަނީ ޚިޔާލުތައް ފާޅުކުރަމުންނެވެ. އެގޮތުން ކުރީގެ ރައީސް ޢަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެފައި ވަނީ ހިޖުރީމަހެއް ފެށުމަކަށް އާ މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމު ނޫން ކަމަށެވެ. މައުމޫނުގެ މި ވިދާޅުވުމަށް ބައެއް ދީނީ އިލްމުވެރިން ގެންދަވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ އީދުދުވަހަކީ މިމަހުގެ 31 ވާ ހޯމަދުވަހެވެ.
ރިއެކްޝަންސް






