
ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެއެވެ. އެކްސިޑެންޓްގައި ނިޔާވީ ސައިކަލް ދުއްވި 17 އަހަރުގެ ފިރިހެން ކުއްޖެކެވެ.
މިއެކްސިޑެންޓް ހިނގީ ރޭ ދަންވަރުއެވެ. އެކްސިޑެންޓް ހިނގީ ފުވައްމުލަކު ފުނާޑު ހުސްނުހީނާ މަގުން ދުއްވާފަ ދިޔަ ސައިކަލެއް ފާރުގައި ޖެހި ކޮންޓްރޯލްނުވެ ގޮސް އެސަރަހައްދުގައި ހުރި މަގުބައްތި ހޮޅިދަނޑީގައި ޖެހިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންނަށް މައްސަލަ ރިޕޯރޓް ކުރީ 2:30 ހާއިރު ކަމަށް އެއިދާރާއިން ވިދާޅުވިއެވެ. ކުއްޖާ ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް 3:38 ހާއިރު ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ރިއެކްޝަންސް






