އާޖެންޓީނާ އަތުން ބަލިވި މެޗަށްފަހު ބްރެޒިލްގެ ކޯޗް ޑޮރީވަލް މަޤާމުން ވަކިކޮށްފި
ބްރެޒިލްގެ ކުރީގެ ކޯޗު ޑޮރީވަލް. ފޮޓޯ: ފޯބްސް

އާޖެންޓީނާ އަތުން ބަލިވި މެޗަށްފަހު ބްރެޒިލްގެ ކޯޗް ޑޮރީވަލް މަޤާމުން ވަކިކޮށްފި

3 days ago - 05:36
Mar 29, 2025 - 07:43

އަންގާރަ ދުވަހު ވޯލްޑްކަޕް ކޮލިފައިންސްގައި އާޖެންޓީނާ އާއި ބްރެޒިލް ބައްދަލު ކުރި މެޗުން ބްރެޒިލް ބަލިވުމަށްފަހު ޓީމުގެ ހެޑް ކޯޗު ޑޮރީވަލް ޖޫނިއަރ މަޤާމުން ވަކިކޮށްފިއެވެ. ބްރެޒިލްގެ ފުޓްބޯޅަ ކޮންފެޑެރޭޝަން (ސީބީއެފް) އިން އެކަން އިއުލާން ކުރީ ހުކުރު ދުވަހުއެވެ.

އާޖެންޓީނާގެ ވެރިރަށް ބީނޯސް އެއިރީސްގައި ކުޅުނު މެޗުން ބްރެޒިލް ބަލިވީ 4-1 ންނެވެ. އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީވެސް ނެތި ބްރެޒިލް ވީ ބައްޔަކީ ވޯލްޑްކަޕް ކޮލިފައިންސްގައި ބްރެޒިލް މިހާތަނަށް މެޗަކުން އެންމެ ބޮޑު ބަލިވީ ފަހަރެވެ.

"ބްރެޒިލްގެ ފުޓްބޯޅަ ކޮންފެޑެރޭޝަނުން މި އިޢުލާން ކުރަނީ ކޯޗު ޑޮރީވަލް ޖޫނިއަރ މިއަދުން ފެށިގެން އެއީ ބްރެޒިލްގެ ޤައުމީ ޓީމުގެ އިސް ފަރާތް ނޫންކަން. ބޯޑުން ޑޮރީވަލްގެ ޕްރޮފެޝަނަލިޒަމް އަށް ޝުކުރު އަދާކުރަން. އަދި އޭނާގެ ކެރިއަރުގެ ކުރިއަށް އޮތްތަނަށް ކާމިޔާބީއަށް އެދެން. މިވަގުތުން ފެށިގެން ސިބީއެފުން އޭނާގެ ރިޕްލޭސްމަންޓެއް ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން" ކޮންފެޑެރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ބްރެޒިލްގެ ޤައުމީ ޓީމުން ހޯދި ދަށް ނަތީޖާތަކުގެ ޒިންމާ ނަގާކަމަށާއި ނަމަވެސް ހާލަތު ބަދަލުކުރެވޭނެ ކަމުގެ ޔަޤީންކަން އޮތްކަމަށް ޑޮރީވަލް ވަނީ މީގެކުރިން ބުނެފައެވެ. ނަމަވެސް އަންގާރަ ދުވަހު ސީބީއެފް އާއި ރައީސް އެޑްނާލްޑޯ ރޮޑްރިގޭޒް އަދި ޑޮރީވަލް އާއެކު ބޭއްވި ބައްދަލުވުމަށްފަހު ނިންމާފައިވަނީ ކޯޗު އިތުރަށް މަޤާމުގައި ނުބެހެއްޓުމަށެވެ.

Advertisement
Advertisement

62 އަހަރުގެ ޑޮރީވަލް ބްރެޒިލްގެ ޤައުމީ ޓީމާ އަލްވަދާއު ކިޔާނީ އޭނާގެ އިރުޝާދުގެ ދަށުން ބްރެޒިލް ކުޅުނު 16 މެޗުގެ ތެރެއިން 7 މެޗުން މޮޅުވުމުގެ ރެކޯޑާއެކުއެވެ. ހަތް މެޗުން އެއްވަރުވެފައިވާއިރު ބަލިވެފައިވަނީ ދެ މެޗުންނެވެ. ނަމަވެސް މެކްސިކޯ, އެމެރިކާ އަދި ކެނަޑާގައި އަންނަ އަހަރު ބާއްވާ ވޯލްޑްކަޕުން ބްރެޒިލްއަށް ޖާގައެއް އަދި ކަށަވަރު ނުވެއެވެ.

ޑޮރީވަލް ބްރެޒިލްގެ ޤައުމީޓީމުގެ ޑިއުޓީއާ ހަވާލުވީ ޤަތަރުގައި  2022ގައި އޮތް ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލްގައި ޕްނަލްޓީ ޖަހައިގެން ކްރޮއޭޝިއާ އަތުން ބަލިވުމަށް ފަހު އޭރުގެ ކޯޗު މަޤާމުން ވަކިކުރުމާ ގުޅިގެންނެވެ. ޑޮރީވަލް ޤައުމީ ޓީމާ ހަވާލުވުމަށްފަހު ބްރެޒިލް ކުޅުނު އެއްވެސް މެޗެއްގައި އަނިޔާގެ ސަބަބުން ބްރެޒިލްގެ އެންމެ މުހިންމު ކުޅުންތެރިޔާ ނޭމާ ފެނިފައެއް ނުވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow