
ރައީސް ވިދާޅުވިގޮތަށް ހުޅުމާލޭގައި ހަދާ ތެލެސީމިއާ ސެންޓަރުގެ މަސައްކަތް ސިފައިން ފަށައިފި
ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތަށް ހުޅުމާލޭގައި ހުންނަ އޮރެންޖް ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތް ދިވެހި ސިފައިން މިއަދު ފަށައިފިއެވެ.
ސޯސަލްމީޑިއާ "އެކްސް" މެދުވެރިކޮށް އެމްއެންޑީއެފްއިން ވިދާޅުވީ ހުޅުމާލޭގަ ހުންނަ އޮރެންޖު ހިޔާ އަށް ތެލެސީމިއާ ސެންޓަރު އަވަހަށް ބަދަލުކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމެވުމުން ސިފައިން އެ މަސައްކަތް މިއަދު ފަށައިފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެގެ ވަގުތެއްގައި "ރައްޔިތުންނާ އެކު" މި ނަމުގައި ކުރިއަށްގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަހެއް ތެރޭ ތެލަސީމިއާ ސެންޓަރުގެ މަސައްކަތް ނިންމަން، ސިފައިންނާ ހަވާލުކޮށްފައިވާ ކަމަށާއި، އެ މަސައްކަތް މާދަމާ (މިއަދު) ސިފައިން ފަށާނެ ކަމަށެވެ.
އޮރެންޖު ހިޔާގައި ހަދަމުންދާ ތެލެސީމިއާ ސެންޓަރުގެ މަސައްކަތް ސިފައިންނާއި ހަވާލުކޮށްފައި މިވަނީ ދާދިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭ ތެލެސީމިއާ ސެންޓަރަށް ވަޑައިގެން އެތަނުން ޚިދުމަތް ހޯދާފަރާތްތަކުގެ ޝަކުވާގެ އަޑު އައްސަވާ އަދި އެތަނުގެ ޚިދުމަތްތައް ބައްލަވާލެއްވުމަށްފަހުގައެވެ. އެދުވަހު ރައީސް ވިދާޅުވީ ތެލެސީމިއާ ސެންޓަރުގެ ޚިދުމަތް ރަނގަޅުކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެކަމަށެވެ.
ރިއެކްޝަންސް






