
ހޮސްޕިޓަލެކޭ އެއްގޮތަށް ތެލެސީމިއާ ސެންޓަރުގެ ޚިދުމަތްދޭ ވަގުތާއި ދުވަސް އިތުރުކުރަނީ
ހޮސްޕިޓަލެކޭ އެއްގޮތަށް ތެލެސީމިއާ ސެންޓަރުގެ ޚިދުމަތްދޭ ވަގުތާއި ދުވަސް އިތުރުކުރަން ހަމަޖައްސަންޖެހޭ ކަންކަން ހަމަޖެއްސެވުމުގެ މަސައްކަތް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ފައްޓަވައިފިއެވެ.
މިފަދަ ނިންމެވުމެއް މިއަދު ނިންމެވީ ތެލެސީމިއާ ކުދިންނާއި ބެލެނިވެރިންގެ ވަރަށްބޮޑަތި ކަންބޮޑުވުންތަކެއް ހައްލުނުވެ ގިނަ ދުވަސްވުމުން ރޭ އަޑުއުފުލާ އިހިތިޖާޖު ކުރުމާ ގުޅިގެން ރައީސް ތެލެސީމިއާ ސެންޓަރުގެ ހާލަތު ބެއްލެވުމަށްފަހުއެވެ.
ތެލެސީމިއާ ކުދިންނާއި, އާއިލާއިން އިހުތިޖާޖު ކުރީ ރޭގެ ވަގުތެއްގައެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ތެލެސީމިއާ ސެންޓަރަށް ވަޑައިގެން ތެލެސީމިއާ ކުދިންނާއި, އެކުދިންގެ އާއިލާގެ މެމްބަރުންނާ ބައްދަލުކުރެއްވިއެވެ. އަދި ސެންޓަރުގެ މުވައްޒަފުންނާ ބައްދަލުކުރައްވާ ތަނުގެ ހާލަތު ދެނެގަނެ މައުލޫމާތު ހޯއްދެވިއެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އައިޖީއެމްއެޗްގައި މަސައްކަތްކުރާ ގޮތަށް ތެލެސީމިއާ ސެންޓަރުގައި މަސައްކަތް ކުރާ ދުވަސްތަކާއި ގަޑިތައް އިތުރުކުރުމަށް ބޭނުންވާނެ އިންސާނީ ވަސީލަތް އިތުރުކުރުމަށް މަޝްވަރާކޮށް މަގުފަހިކޮށްދީ ކުރިއަށްގެންދަންވީ ގޮތް މިއަދު ކަނޑައަޅުއްވާފައިވާ ކަމަށެވެ. އެކަމަށް ބޭނުންވާ އިންސާނީ ވަސީލަތްތަކާއި, ސާމާނު ހޯދޭނެ ގޮތް ހަމައްޖަސަވައިދެއްވާފައިވާނެ ކަމަށް ވިދާޅުވިއެވެ.
ނަރުހުން މަދުވާހަކަ ފާހަގަކުރެއްވުމުން, ނަރުހުން ހޯދޭނެ ގޮތާއި ސީނިއަރ ފިޒީޝއަނެއް ހަމަޖެއްސޭނެ އިންތިޒާމްވެސް ހަމަޖައްސަވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން ތަނަށް ބޭނުންވާ އެކިކަހަލަ އާލާތްތައް ވަސީލަތްތައް ހޯދޭނެ ގޮތާއި, ލެބޯޓްރީގައި ބޭނުންވާ ވަސީލަތްތަކާއި, ލެބޯޓްރީ ޓެކްނޮލިޖިސްޓުންނާއި, އެނޫންވެސް ބޭނުންވާ މުވައްޒަފުން ހޯދޭނެ ގޮތް ހަމަޖައްސަވައި ކުރިއަށްދާނެ ގޮތުގެ އިންސްޓްރަކްޝަން ދެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.
" ފައިސާގެ ގޮތުން ބޭނުންވާ އެއްވެސް ކަމެއް ދަތިނުވާނެ ގޮތަށް ކަންކަން ހަމަޖައްސައިދީފަ އޮންނާނީ. ކުރިއަށްދާނެ ގޮތުގެ އިންސްޓްރަކްޝަންދީފަ. އަދި މުހުލަތުތަކެއްވެސް އަޅުގަނޑު މިއަދު ހަމަޖައްސާފަވާނީ, އެންމެންގެ މަޝްވަރާއާއެކީގަ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވަރަށް ތަފްސީލްކޮށް ތަނުގެ ހާލަތު ބެއްލެވި ކަމަށެވެ. އެމަނިކުފާނު ވަނީ ހުޅުމާލޭގައި ތެލެސީމިއާ ސެންޓަރު އަޅާ ތަންވެސް ބައްލަވާލައްވާފައެވެ. ތެލެސީމިޔާއަށް ވަކި ޚާއްޞަ ހޮސްޕިޓަލެއް އެޅުމަކީ މިސަރުކާރުގެ ވައުދެކެވެ.
ރިއެކްޝަންސް






