
ހޮއިލުންޑް އުފާފާޅުކުރުމުގެ ގޮތުން އަހަރެންގެ ސެލެބްރޭޝަން ކޮޕީ ކުރުމަކީ ޝަރަފެއް: ރޮނާލްޑޯ
ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގުގައި ޕޯޗުގަލް ކޮޅަށް ގޯލްޖެހުމަށްފަހު ޑެންމާކްގެ ރަސްމުސް ހޮއިލުންޑް އުފާފާޅުކުރުމުގެ ގޮތުން ރޮނާލޯޑްގެ ސެލްބްރޭޝަންގެ ގޮތުގައި މަޝްހޫރުވެފައިވާ 'ސޫ' ކޮޕީކުރުމަކީ ޝަރަފެއް ކަމުގައި ރޮނާލްޑޯ ބުނެފިއެވެ.
ބުރާސްފަތި ދުވަހު ފުރަތަމަ ލެގުގައި 1-0 ން ޑެންމާކުން ޕޯޗްގަލްގެ މައްޗަށްކުރި ހޯދި މެޗުގެ ހަމައެކަނި ގޯލް ހޮއިލުންޑް ކާމިޔާބުކުރުމަށްފަހު ރޮނާލްޑޯގެ 'ސޫ' ކޮޕީ ކުރިއިރު އެމަންޒަރު ބަލަން ދަނޑުމަތީގައި ރޮނާލްޑޯވެސް ހުއްޓެވެ.
"އަހަންނަށް އެއީ މައްސަލައެއް ނޫން. އަހަންނަށް އެނގޭ އެއީ އޭނާ އަހަންނަށް ކުޑައިމީސްކުރުމުގެ ނިޔަތުގައި ކުރި ކަމެއް ނޫންކަން. ބަޔަކު އެކަން އެހެން ގޮތަކަށް އެކަން ދެކުނަސް އޭނާގެ އަމަލު ރަނގަޅަށް އެނގޭވަރަށް އަހަރެން ސްމާޓް. އަހަންނަށް އެއީ ހަމަ ޝަރަފެއް" އާދިއްތަ ދުވަހު ދެވަނަ ލެގުގައި ދެޓީމް އަލުން ބައްދަލުކުރުމުގެ ކުރިން ރޮނާލްޑޯ ބުނެފައި ވެއެވެ.
ރޮނާލްޑޯ އިތުރަށް ބުނީ ކުރިއަށް އޮތް މެޗުގައި އޭނާގެ ފަރާތުން އެސެލެބްރޭޝަން ހޮއިލުންޑްށް ފެންނާނެކަމަށް އޭނާ އުއްމީދުކުރާ ކަމަށެވެ. އަދި އޭނާއަށް ގޯލެއް ކާމިޔާބު ނުކުރެވި ޓީމުގެ އެހެން މީހަކަށް ގޯލެއް ކާމިޔާބުކުރެވުނަސް ހަމަ އެންމެ ރަނގަޅު ކަމުގައެވެ.
ޕޯޗުގަލް އާ ދެކޮޅަށް ޑެންމާކުން ހޯދި ކާމިޔާބީއާއެކު އޭނާގެ އައިޑަލް ރޮނާލްޑޯގެ ސެލެބްރޭޝަން ހެދުމަކީ ރޮނާލްޑޯ އަށް މަލާމަތްކުރުން ނޫންކަމަށް ހޮއިލުންޑްވެސް ބުނެފައި ވެއެވެ.
"އަހަރެން ކުޅުނީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާ ދެކޮޅަށް. އެއީ އަހަރެންގެ އައިޑަލް. އޭނާއާ ދެކޮޅަށް ކުޅެ, މެޗުން މޮޅުވެ އަދި މޮޅު ކުޅުންތެރިޔާގެ މަޤާމް ލިބުމަށްބުރެ ބޮޑު ކާމިޔާބީއެއް ކޮބާ" ޑެންމާކް ޓީވީ2 އަށް ދިން އިންޓަވިއުއެއްގައި މެންޗެސްޓަރ ޔުނައިޓަޑަށް ކުޅެމުން އަންނަ ކުޅުންތެރިޔާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ ޕޯޗްގަލް އަދި ރޮނާލްޑޯއާ ދެކޮޅަށް ކުޅުމަކީ އޭނާއަށް ވަރަށް ޙާއްސަ ކަމެއް ކަމަށެވެ. 2009 ވަނަ އަހަރު ރޮނާލްޑޯ ހިލޭ ޖެހުމަކުން ކާމިޔާބުކުރި ގޯލް ބަލަން އޭނާ ދަނޑުގައި ހުރި ހަމަށާއި އެދުވަހަށްފަހު އޭނާއަކީ ރޮނާލްޑޯގެ ބޮޑު ފޭނެއް ކަމުގައެވެ.
ރިއެކްޝަންސް






