
ފަަލަޞްތީނުން ޝަހީދުވީ މީހުންގެ ރަސްމީ އަދަދު 50,000 ން މައްޗަށް, އިއްޔެ ޝަހީދުކޮށްލި މީހުންގެ ތެރޭގައި ހަމާސްގެ އިސް ލީޑަރެއް!
ސަލާޙް އަލް-ބަރްދާވިލްގެ މަރާއެކު ފަލަޞްޠީނު މިނިވަންވުމަށް ކުރާ ޖިހާދު ފުޅާވާނެކަ-ހަމާސް
އިޒްރާއިލްގެ އަސްކަރިއްޔާއިން ޣައްޒާގައި އަލުން ހަމަލާތައް ފަށާފައިވާތާ މިއަދަށް މިއީ ހަވަނަ ދުވަހެވެ. އޮކްޓޯބަރު 2023 ން ފެށިގެން މިހާތަނަށް ޣައްޒާއިން ޝަހީދުކޮށްލި މީހުންގެ އަދަދު 50,000 ފަހަނައަޅައި ގޮސްފައިވާކަމަށް ރަސްމީ ހިސާބުތަކުން ދައްކާއިރު މިއަދު މިހާތަނަށް އެކަނިވެސް ވަނީ 35 މީހަކު ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި ހަމާސްގެ ސިޔާސީ ގޮފީގެ އިސް ވެރިއެއް ކަމަށްވާ ސަލާޙް އަލް-ބަރްދާވީ އާއި އޭނާގެ އަންހެނުންވެސް ހިމެނެއެވެ.
ފާއިތުވި ފަސް ދުވަހުގެ ތެރޭގައި އިޒްރާއިލްގެ ހަމަލާތަކުގައި ފަލަޞްޠީނުގެ 700 އެއްހާ މީހުން މިހާތަނަށް ވަނީ ޝަހީދުކޮށްލާފައެވެ. ހަމަ މިވަގުތު އެމެރިކާއިން ދަނީ ޔަމަނުގެ ހޮދައިދާ ޕޯޓް އަށާއި އެއަރޯޓް ހިމެނޭ ސަރަޙައްދަށް އަދި މެދުތެރޭ މަޤްރިބް ޕްރޮވިންސް އަށާއި އުތުރުގެ ސާދާއަށް ވެސް ބޮންއަޅަމުން ކަމުގައި ޔަމުގެ މީޑިއާ ބުނެއެވެ.
ސަލާޙް އަލް ބަރްދާވީ އާއި އޭނާގެ އަންހެނުން ޝަހީދުކޮށްލާފައިވަނީ ޚާން ޔޫނިސްގައި އެމީހުން ދިރިއުޅޭ ޓެންޓްގައި ނަމާދަށް ތިއްބާކަމުގައި ހަމާސްއާ ހަވާލާދީ އަލްޖްޒީރާގައި ރިޕޯޓްކޮށްފައި ވެއެވެ.
'ބަރްދާވީ އާއި އޭނާގެ އަންހެނުންގެ ލޭ އަހަރެމެން މި ކުރާ ޖިހާދަށް ވަރުގަދަ ކުރުމަށް އޮހޮރުނު ތެޔޮ ފަދަ. އެއީ ފަލަޞްޠީނުގެ މިނިވަންކަމަށްޓަކައި އަހަރެމެން ކުރަމުންމިދާ ދިގުދެމިގެންދާ ޖިހާދު. އިޒްރާއިލްގެ ޖިނާއި އަމަލުތަކަށް އަހަރެމެންގެ އަޒުމު ބަލިކަށިކޮށެއް ނުލެވޭނެ" ބަރްދާވީގެ މަރާ ގުޅިގެން ހަމާސްއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
އިޒްރާއިލްއިން ވައިގެ ހަމަލާތައް ފެށިތާ ހަތަރުވަނައަށް ވީދުވަހު ވަނީ އުތުރުންނާއި, ދެކުނުން, އަދި މެދުތެރެއިންވެސް އެއްގަމު މަގުން ޣައްޒާއަށް ވަދެގެންފައެވެ. އަދި ރަފަޙްއިން މީހުން ހުސްކުރުމުގެ އަމުރެއްވެސް މިހާރުވަނީ ނެރެފައެވެ.
އިޒްރާއިލްއިން ފާއިތުވި ހަފްތާގައި އަލުން ހަމަލާތައް ފެށުމުގެ ކުރިން ވަނީ ޣައްޒާއަށް އިންސާނީ އެހީ ވަނުންވެސް ހުއްޓުވާފައެވެ. 1 މާޗުން ފެށިގެން އިންސާނީ އެހީ ހުއްޓުވާފައިވާއިރު އޭގެ އަނެއް ދުވަހުން ޣައްޒާގެ ޑީސަލިނޭޝަން ޕްލާންޓްތަކުން ވަނީ ކަރަންޓްވެސް ކަނޑާލާފައެވެ. އެހެން ކަމުން ޣައްޒާއަށް އިންސާނީ އެހީގެ އެއްވެސް މިންވަރެއް ނުވަދެ, ބޯފެން ލިބުމުން މަޙްރޫމްކޮށްފައިވާތާ މިއީ 23ވަނަ ދުވަހެވެ.
ރިއެކްޝަންސް






