
މިރޭ "އާރތު އަވަރ" ފާހަގަކުރާއިރު ޢާއްމުންގެ އެއްބާރުލުމަށް މިނިސްޓްރީން އެދިވަޑައިގެންފި
ދުނިޔޭގެ ފެންވަރުގައި މިރޭ އާރތް އަވަރ ފާހަގަކުރުމަށް ނިންމާފައިވާއިރު، އެ ހަރަކާތުގައި ހުރިހާ ފަރާތްތަކަކުން ބައިވެރިވުމަށް ތިމާވެއްޓާބެހޭ ވުޒާރާއިން އެދިވަޑައިގެންފިއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ނެރުނު އިއުލާނެއްގައި ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނާއި، ވިޔަފާރި ކުންފުނިތަކާއި، މަދަނީ ޖަމިއްޔާތަކުން މި ހަރަކާތުގައި ބައިވެރިވުމަކީ އެ ވުޒާރާގެ އެދިވަޑައިގަތުމެއް ކަމަށެވެ.
އާރތް އަވަރ ފާހަގަކުރުމުގެ ޙަރަކާތް ހިންގުމަށް ހަމަޖެހިފައިވަނީ މިރޭ 21:45 އިން 22:45 އަށް ކަމަށާއި، މި ގަޑީގައި ކޮންމެހެން ބޭނުންކުރަންޖެހޭ ތަކެތި ފިޔަވާ އެހެން ހުރިހާ ދިއްލުންތައް ނިއްވާލުމަށް މިނިސްޓްރީން އެދިވަޑައިގެންފައި ވެއެވެ.
މި ޙަރަކާތަކީ ދުނިޔެ ހޫނުވުމާއި، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާމެދު ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް، ތިމާވެށި ރައްކާތެރިކުރުމަށް ދުނިޔޭގެ ފެންވަރުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.
ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވީ މި ޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، ދިވެހިންގެ ޤުދުރަތީ ތަރިކަ ޙިމާޔަތްކުރުމަށް އެއްބައިވަންތަކަމުގެ އަޒުމް ދައްކުވައިދިނުން ކަމަށެވެ.
އާރތް އަވަރ ފާހަގަކުރުމުގެ ގޮތުން މިދިޔަ އަހަރުތަކުގައިވެސް ދިއްލުންތައް ނިއްވާލުމުގެ ހަރަކާތް ވަނީ ކުރިއަށްގެންގޮސްފައެވެ.
ރިއެކްޝަންސް






