
ސަޢޫދީ އަރަބިއްޔާގެ އޯގާތެރިކަން ހިތަށް ގެންނަންވެސް ދަތި- ރައީސް
ސަޢޫދީ އަރަބިއްޔާގެ އޯގާތެރިކަން ހިތަށް ގެންނަންވެސް ދަތިކަމަށް ވިދާޅުވެ, ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ސައުދީ ސަރުކާރަށް ޝުކުރު އަދާކުރައްވައިފިއެވެ.
ޢަރަބި ބަހުން އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވީ ޙައްޖާޖީންނަށާއި ޢުމްރާގެ އަޅުކަމަށް އަންނަ މީހުންނަށް، އަދި ދެ ޙަރަމްފުޅު ޤަޞްދުކޮށްގެން ސަޢޫދީ ޢަރަބިއްޔާއަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށްވެސް، ދެއްވާ ޚާއްޞަ މެހެމާންދާރީއާއި ޚިދުމަތްތަކެވެ. އަދި ފަހިކޮށްދެއްވާ ފަސޭހަތަކަށް ޓަކައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު އަދި މާތްވެގެންވާ ދެޙަރަމްފުޅުގެ ޚާދިމް ސަލްމާން ބިން ޢަބްދުލް ޢަޒީޒަށާއި، ވަލީޢަހުދު މުޙައްމަދު ބިން ސަލްމާނަށާއި، އެ ޤައުމުގެ ސަރުކާރަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.
ސަޢޫދީ ޢަރަބިއްޔާގެ މި އޯގާތެރިކަން އެމަނިކުފާނު ސިފަކުރައްވާފައިވަނީ، ހިތަށްވެސް ގެންނަންދަތި، މަތިވެރި ޚިދުމަތްތަކެއްގެ ގޮތުގައެވެ. އަދި ހުއްޓުމެއްނެތި ކުރައްވަވާ ބުރަ މަސައްކަތްޕުޅެއްގެ ގޮތުގައެވެ.
ސަޢޫދީ ޢަރަބިއްޔާގެ ދީލަތި ރައްޔިތުންނަށް އިސްލާމްދީނަށް ޚިދުމަތްކުރުމުގެ ތައުފީޤު އަބަދުމެ ދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ދުޢާ ކުރެއްވިއެވެ. އަދި މި އިޙްސާންތެރި ޚިދުމަތުގެ ހެޔޮ ދަރުމައާއި ޘަވާބު މިންވަރު ކުރެއްވުންވެސް އެދިވަޑައިގެންފައިވެއެވެ.
ސަޢޫދީ ޢަރަބިއްޔާއަށް ރައްކާތެރިކަން ދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާގެ މި ޕޯސްޓުގައި ކުރައްވާފައިވާ ދުޢާގައި، ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒަށާއި، ވަލީޢަހުދު މުޙައްމަދު ބިން ސަލްމާނަށް ދިގު ޢުމުރުފުޅަކާއި، ފުރިހަމަ ޞިއްޙަތާއި ޢާފިޔަތުގެ ނިޢުމަތަށް އެދިވަޑައިގެންފައި ވެއެވެ. އަދި ޙަސަދަވެރީންނާއި، ޚިޔާނާތްތެރީންނާއި މަކަރުވެރީންގެ ނުރައްކަލުން ސަޢޫދީ ޢަރަބިއްޔާ ސަލާމަތްކޮށްދެއްވައި، އެ ޤައުމުގައި އަމާންކަމާއި ސިލްމާއި ސަލާމަތު ދަމަހައްޓަވައި، އުފާފާގަތިކަން ދެއްވައި، ޢިއްޒަތްތެރިކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ.
ދިވެހިޙައްޖާޖީންނަށް ވަރަށް ގިނަ ފަސޭހަތައް ސަޢޫދީ ސަރުކާރުން ދަނީ އަބަދުވެސް ފަހިކޮށް ދެއްވަމުންނެވެ. ވަކީން ޚާއްޞަކޮށް، މައްކާ ރޫޓް އިނީޝިއޭޓިވްގައި، ޚާއްޞަ ހުއްދައަކާ އެކު ދިވެހިރާއްޖެ ބައިވެރިކުރެއްވުމާއި ގުޅިގެން، މި އަހަރުން ފެށިގެން ދިވެހި ޙައްޖާޖީންނަށް ދަތުރުގެ ބުރަތައް ވަނީ ވަރަށް ބޮޑަށް ލުއިވެފައެވެ. އަދި ޙައްޖުގެ މަނާސިކުތައް ފުރިހަމަ ކުރުމަށް ދިވެހި ޙައްޖާޖީން ތިބޭ ތަންތަނުގައި ވެސް ގިނަ ޚިދުމަތްތަކެއް ވަނީ އިތުރަށް ފަހިވެފައެވެ.
ރިއެކްޝަންސް






