
ރާއްޖެއަށް ސާފު ފެން ފޯރުކޮށްދިނުމަކީ ސަރުކާރުގެ އިސް އަމާޒެއް: ރައީސް މުއިއްޒު
މުޅި ރާއްޖެއަށް ސާފު ފެން ލިބޭނެކަން ކަށަވަރުކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ މިއަދު ފާހަގަކުރާ ދުނިޔޭގެ ފެނުގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މި ޕޯސްޓުގައި އެމަނިކުފާނު ވަނީ ދުނިޔޭގެ ފެނުގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނާއި ބައިނަލްއަޤްވާމީ ފަރާތްތަކަށް ފޮނުއްވާފައެވެ.
މިއަހަރުގެ ފެނުގެ ދުވަހުގެ ޝިއާރަކީ "ގްލޭސިއާ ޕްރިވެންޝަން" ކަމަށްވާއިރު، ރައީސް ވިދާޅުވީ، މިއީ މޫސުމަށް އަންނަ ބަދަލުތަކުން އިންސާނުންނަށް ކުރާ އަސަރުތައް ދެނެގަތުމަށްޓަކައި މުހިންމު ޝިއާރެއް ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ވަކާލާތުކުރުމުގައި ރާއްޖެ ދެމިއޮންނާނެ ކަމަ ކަމަށާއި، އަދި ރާއްޖޭގެ ރައްޔިތުންނަށް ރައްކާތެރި ބޯފެން ލިބޭނެކަން ކަށަވަރުކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ.
ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 22 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ދުނިޔޭގެ ފެނުގެ ދުވަހުގެ ގޮތުގައެވެ. މިދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފަށާފައި ވަނީ 1993 ވަނަ އަހަރުއެވެ.
ރިއެކްޝަންސް






