
ފޮރިންގ މިނިސްޓަރ ލަންކާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވާ ދެޤައުމުގެ ގުޅުމާއި ބެހޭގޮތުން މަޝަވަރާ ކުރައްވައިފި
ސްރީލަންކާގެ ބޮޑުވަޒީރު ޑރ. އަމަރަސޫރިޔާ އާއި ބައްދަލުކުރައްވާ ދިވެހިރާއްޖެ އާއި ސްރީލަންކާ އާއި ދެމެދު އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުމާއި ބެހޭގޮތުން ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލު މަޝަވަރާ ކުރައްވައިފިއެވެ.
މި މަޝަވަރާތައް އޮތީ މިހާރު ލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ޑރ. ޚަލީލު ލަންކާގެ ބޮޑުވަޒީރު ޑރ. އަމަރަސޫރިޔާ އަރިހަށް ކުރެއްވި ޒިޔާރަތުގައެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި މި ބައްދަލުވުމުގައި ޑރ. ޚަލީލު ވަނީ ލަންކާގައި މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައިވާތީ ބޮޑުވަޒީރަށާއި، ލަންކާގެ ސަރުކާރަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި ދިވެހި ރައްޔިތުންގެ ނަމުގައި މަރުހަބާ އާއި ތަހުނިޔާ ދަންނަވާފައެވެ.
ރާއްޖޭގެ ތަރައްޤީއަށް ލަންކާއިން ދެއްވާ އެހީތެރިކަމަށް ޑރ. ޚަލީލު ޝުކުރު އަދާކުރެއްވިއެވެ، ހާއްސަގޮތެއްގައި އިންސާނީ ވަސީލަތް ބިނާކުރުމަށާއި ތައުލީމީ ދާއިރާއަށް ވެދެއްވާ އެހީތެރިކަން ފާހަގަ ކުރެއްވިކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ލަންކާގެ ބޮޑުވަޒީރު ޑރ. އަމަރަސޫރިޔާ ވަނީ ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ލަންކާގެ އާ ސަރުކާރުން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެއްވާފައިކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.
ޑރ. ޚަލީލު އިއްޔެ ވަނީ އެ ޤައުމުގެ ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް މިނިސްޓަރު ވިޖިތާ ހެރަތާވެސް ބައްދަލުކުރައްވާފައެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. އަބުﷲ ޚަލީލުގެ މި ދަތުރުފުޅަކީ ފޮރިން މިނިސްޓަރުކަމާއި ހަވަލުވެ ވަޑައިގެންނެވުމަށް ފަހު ލަންކާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ޑރ. ހަލީލު ލަންކާގެ ރައީސާއި ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައި ވެއެވެ.
ރިއެކްޝަންސް






