 
                                ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ "ސުލޫކީވުން" ނިމުމަކަށް ގެނައީ މިސަރުކާރުން: އުޝާމް
ފަނޑިޔާރުންނަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާ "ސްލޫކީވީ" ކޮން ދުވަސްވަރެއްގައިކަން ވަރަށް ސާފުކޮށް އެނގޭ ކަމަށް ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ބަންޑާރަ ނައިބު އުޝާމް މިފަދައިން ވިދާޅުވެފައިވަނީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 
މި ޕޯސްޓުގައި އުޝާމް ވަނީ 2018 އިން 2025 އަށް ޖޭއެސްސީން ފަނޑިޔާރުންނަށް އެޅި ފިޔަވަޅުތަކުގެ ތަފާސްހިސާބުތަކެއް  އާންމުކުރައްވައިފައެވެ.
އެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި، ނޮވެމްބަރު 2018 އިން ނޮވެމްބަރު 2023 ގެ ނިޔަލަށް ޖޭއެސްސީން ވަނީ 56 ފަނޑިޔާރަކަށް ފިޔަވަޅު އަޅައިފަ އެވެ. އޭގެ ތެރެއިން 8 ފަނޑިޔާރަކު މަގާމުން ވަކިކޮށްފައިވާއިރު، 12 ފަނޑިޔާރަކު ސަސްޕެންޑުކޮށް، ތިން ފަނޑިޔާރެއްގެ މަގާމު ދަށްކޮށްފައިވެ އެވެ. އަދި ސުލޫކީ މައްސަލަ ސާބިތުވި ކަމަށް ކަނޑައަޅައި 33 ފަނޑިޔާރަކަށް ނަސޭހަތް ދީފައިވެ އެވެ.
ނޮވެމްބަރު 2023 އިން މިދިޔަ މަހުގެ ނިޔަލަށް ޖޭއެސްސީން ފިޔަވަޅު އަޅާފައި ވަނީ ފަސް ފަނޑިޔާރުންނަށް ކަމަށާއި، އެއީ ސަސްޕެންޑުކުރި ތިން ފަނޑިޔާރަކާއި، އަދި ސުލޫކީ މައްސަލަ ސާބިތުވި ކަމަށް ކަނޑައަޅައި ނަސޭހަތް ދިން ދެ ފަނޑިޔާރުންކަން ވެސް އުސާމުގެ ޕޯސްޓުން ސާފުވެއެވެ. 
"ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ދައްކާ ވާހަކައަކާ ގުޅިގެން ނުވަތަ ނިންމާ ނިންމުމަކާ ގުޅިގެން 'ސުލޫކީވުން' ނިމުމަކަށް ގެނައީ ނޮވެމްބަރ 2023 އިން ފެށިގެން" ބަންޑަރަ ނައިބު އުޝާމުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. 
ބަންޑާރަ ނައިބު މިފަދަ ޕޯސްޓެއް ކުރައްވާފައި މިވަނީ ޖޭއެސްސީން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމާއި ގުޅިގެން ބަންޑާރަ ނައިބު އުޝާމް ހިމެނޭހެން ޖޭއެސްސީ އަށާއި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. 
ރިއެކްޝަންސް
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                


 
         
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
     
                                
                                                                    





 
                                                                                                                                             
                                                                                                                                             
                                                                                                                                            
