
ރައްޔިތުންގެ މާލިއްޔަތަށް މިލިއަނުން އާމްދަނީ ލިބޭގޮތަށް ހަނިމާދޫއިން ޓޫރިޒަމަށް 4 ބިން ދޫކޮށްފި
ހަނިމާދޫ ކައުންސިލުން ޓޫރިޒަމް ތަރައްޤީކުރުމަށް 10,000 އަކަފޫޓުގެ 4 ބިން އޯސަމް ޕްރޮޕަރޓީސް ޕލޑ އަށް ދޫކޮށްފިއެވެ.
ހަނިމާދޫ ކައުންސިލްގައި ހާއްސަ ރަސްމިއްޔާތެއްގައި ބިންތައް ހަވާލުކުރުމުގެ އެއްބަސްވުމުގައި "އޯސަމް ޕްރޮޕަރޓީސް ޕލޑ"ގެ ފަރާތުން ސޮއިކުރެއްވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. އަދި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ހަނިމާދޫ ކައުންސިލްގެ ރައީސް ޢަބުދުލް ސައްތާރު ހަސަނެވެ.
ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާޤު މުހައްމަދު ވިދާޅުވީ މި ބިންތަކުން ކޮންމެ ކުއާޓަރއަކަށް 56,000 ޑޮލަރު، އަހަރަކު 224,000 ޑޮލަރު ހަނިމާދޫ ރައްޔިތުންގެ މާލިއްޔަތަށް ލިބޭނެ ކަމަށެވެ.
ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ މި ދައުރު ނިމޭއިރު ރައްޔިތުންގެ މާލިއްޔަތަށް އެތައް މިލިއަން ރުފިޔާގެ އާމްދަނީ ހޯދައިދޭނެ ކަމަށާއި، އަދި މިއީ ފުރަތަމަ ފަހަރަށް ރައްޔިތުންގެ މާލިއްޔަތަށް ޑޮލަރުން އާމްދަނީ ވަންނަން ފެށުން ކަމަށެވެ.
މި ބިންތަކުގެ 1 އަހަރުގެ އެޑްވާންސް ކުލީގެ ގޮތުގައި 224,000 ޑޮލަރު (3,454,080 ރުފިޔާ) މިހާރުވަނީ ކައުންސިލްގެ ރައްޔިތުންގެ މާލިއްޔަތަށް ޖަމާކޮށްފައި ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.
ކައުންސިލްގެ ނައިބުރައީސް ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުވުމާއެކު، މި ބިންތައް ދޫކޮށް ވީ އެންމެ އަވަހަކަށް ޚިދުމަތްތައް ފެށުމަކީ ކައުންސިލްގެ އަމާޒެއް ކަމަށެވެ. އަދި އޭގެ ސަބަބުން ހަނިމާދޫއަށް ގިނަ ފަތުރުވެރިން އައިސް، ރަށަށް ބޭރު ފައިސާއާއި އާމްދަނީ އިތުރުވެ، ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެގެން ދާނެކަމަށް އުންމީދުކުރައްވާކަމަށް ވެސް ނައިބު ރައީސް ފިރާގު ވިދާޅުވިއެވެ.
ރިއެކްޝަންސް






