ޕީ.އެން.ސީގެ މަޖިލިސް ޕްރައިމަރީ ގަޑުބަޑުކޮށްފި
ސަރުކާރު ކޯލިޝަންގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރުމަށް ކެމްޕެއިން ކުރަމުން އައި ގިނަ ކެނޑިޑޭޓުންގެ ކެނޑިޑޭސީ ބާޠިލް ކުރިކަން އަންގައި ޕީ.އެން.ސީން މިއަދު ވަނީ ސިޓީ ފޮނުވަން ފަށާފަ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި ސަރުކާރު ހިންގާ ކޯލިޝަންގެ ޓިކެޓުގައި 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ ގަޑުބަޑުކޮށް ގިނަ ބައެއްގެ ކެނޑިޑޭސީ ބަލައި ނުގަންނަން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީ.އެން.ސީން ނިންމައިފިއެވެ.
ޕްރައިމަރީ ބާއްވާން ފަސް ދުވަހަށްވުރެ ވަގުތު ކުޑަތަން ވެފައިވަނިކޮށް ގިނަ ބައެއްގެ ކެނޑިޑޭސީ ބަލައިނުގަންނަކަން އެޕާޓީން ވަނީ އެފަރާތްތަކަށް ސިޓީއަކުން އަންގަން ފަށާފައެވެ.
އޭގެ ތެރޭގައި ޕްރައިމަރީ ކާމިޔާބުކޮށް ފަސޭހަކަމާއެކު މަޖިލިސް އިންތިޚާބު ކާމިޔާބު ކުރާނެކަމަށް އެންމެ ބޮޑަށް ބެލެވިފައިވާ ކެނޑިޑޭޓުން ހިމެނެއެވެ.
ޕީ.އެން.ސީގެ ޗެއާޕާސަން އަބްދުއްރަޙީމް އަބްދުﷲ ސޮއިކުރައްވައި ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވި ފަރާތްތަކަށް ފޮނުވި ސިޓީގައި ވަނީ ކެނޑިޑޭސީ ބަލައި ނުގަނެވޭނެ ކަމަށް ބުނެ އެކިކަހަލަ އިބާރާތްތައް ވަނީ ލިޔެފައެވެ.
ޕީ.އެން.ސީގެ މި ނިންމުމާ ގުޅިގެން އެދާއިރާތަކުގެ ރައްޔިތުން އަންނަނީ ޕީ.ޕީ.އެންސީ އަށް ވަރަށް ބޮޑަށް ފާޑުކިޔައި ނުރުހުން ފާޅުކުރަމުންނެވެ.
މިގޮތަށް ނިންމާފައިވާ ބައެއް ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ރިޔާސީ އިންތިޚާބު ނިނުމާ އެކު ޕްރައިމަރީ އަށްޓަކައި ގިނަ އަދަދެއްގެ މެންބަރުން ޕީ.އެން.ސީއަށް ރަޖިސްޓަރީ ކޮށް އެކި ގޮތް ގޮތުން ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ފަރާތްތަކެވެ.
އަމާޒް މީޑިއާ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ނުދީ ކެނޑިޑޭސީ ބަލައިނުގަތް ދާއިރާތަކުގެ ތެރޭގައި ފުވައްމުލަކު ތިން ދާއިރާއާއި އުތުރާއި ދެކުނުގެ ގިނަ ދާއިރާތަކެއް ހިމެނެއެވެ.
ރިއެކްޝަންސް