
މި އަހަރުވެސް ރޯދަމަހު ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ލިބޭނެ: ރައީސް
މި އަހަރުގެ ރޯދަމަހުގެ ކަރަންޓާއި ފެން ބިލުން ވެސް ޑިސްކައުންޓް ދޭނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިއުފާވެރި ޚަބަރު ދެއްވީ ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކުޑަހުވަދޫގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވާ ވާހަކަ ދައްކަވަމުންނެވެ.
"އަޅުގަނޑު މިވާހަކަ މީގެކުރިންވެސް ވާނީ ދަންނަވާފައި. މިދިޔަ އަހަރު 8 ޑިސެމްބަރުގައި އއ. މަތިވެރީގައި ވާހަކަ ދައްކަމުން އަޅުގަނޑު ދެންނެވިން ކުރީ ރަމަޟާންމަހު ދިންގޮތަށް މި ފަހަރުވެސް ރަމަޟާންމަހުވެސް ކަރަންޓު ބިލުންނާއި ފެން ބިލުން ޑިސްކައުންޓް ދޭނަމޭ. ހަމައެކަން އެގޮތަށް ކުރިއަށްގެންދާނަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރޯދަމަހުގެ ކަރަންޓާއި ފެން ބިލް، އެހެން މަސްތަކަށް ވުރެ ބޮޑުނުވާނެ ގޮތަކަށް ކަންކަން ކުރެއްވުމަކީ ރައީސްގެ ވަޢުދުފުޅެކެވެ. އެގޮތުން މިދިޔަ އަހަރުވެސް އެ ދެ ބިލުން ޑިސްކައުންޓް ދެއްވާފައިވެއެވެ.
މީގެ އިތުރުން، ރައީސްގެ ނިންމެވުމަކަށް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ވެސް ސަރުކާރުން މިހާރު އަންނަނީ ދެމުންނެވެ. އަދި މިދިޔަ އަހަރު ރަމަޟާން މަހަށް ކޮންމެ ގޭބިސީއަކަށް 5 ކިލޯގެ ހަނޑޫ ބަސްތާއަކާއި ފުއް ބަސްރޢެއްވެސް ވަނީ ހަދިޔާކުރައްވާފައެވެ.
ރިއެކްޝަންސް






