
ޒަކިއްޔާގެ މަރުގެ މައްސަލައާ ގުޅިގެން އެޗްއާރުސީއެމްގެ ތަހުގީގެއްވެސް ފަށައިފި
ނ.ހޮޅުދޫ ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައާ ގުޅިގެން ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ތަހުގީގެއްވެސް ފަށައިފި އެވެ.
އެކޮމިޝަނުން ބުނީ ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައާ ގުޅިގެން, މައްސަލައިގެ ތަހްގީގު ދާގޮތާމެދު ހުރި ކަންބޮޑުވުންތަކެއް ގާތްތިމާގެ މީހުންގެ ފަރާތުން ކޮމިޝަނަށް ހިއްސާކޮށްފައިވާ ކަމަށެވެ. އެހެންކަމުން މައްސަލައާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުން އަމަލުކުރަމުންދާ ގޮތް ކޮމިޝަނުން ބެލުމަށް މައްސަލަ ތަހްގީގް ކުރަމުން ދާކަމަށް އެޗްއާރުސީއެމްއިން ބުންޏެވެ.
އެޗްރާރުސީއެމް އިން ބުނީ އެ މައްސަލައާ ގުޅުންހުރި މައުލޫމާތާއި ގުޅުންހުރި ލިޔެކުޔުންތައް ދިވެހި ފުލުހުންގެ ހިދުމަތުން ހޯދައި ލިބިފައިވާ މައުލޫމާތުތައް ކޮމިޝަނުން ދިރާސާކުރަމުން ދާކަމަށެވެ.
ޒަކިއްޔާ ދިރިއުޅޭ ގޭގެ ގުދަނެއްގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގާމެދު އެރަށު ރައްޔިތުންގެ ބޮޑަތި ކަންބޮޑުވުންތަކެއް ހުރުމުން ދަނީ އިހުތިޖާޖު ކުރަމުންނެވެ. ފުލުހުންގެ ތަހުގީގަށް އެރަށުގެ ރައްޔިތުން އިތުބާރެއް ނުކުރެއެވެ. އިއްޔެވެސް އެރަށު ރައްޔިތުން ވަނީ ތަހުގީގުގެ ކަންބޮޑުވުންތަކާ ގުޅިގެން އެރަށުގައި އަޑު އުފުލާފައެވެ.
ފުލުހުން ބުނަނީ ޒަކިއްޔާގެ މަރުގައި އެހެން މީހެއްގެ އަތެއް ވާކަން ފާހަގަކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް އެރަށު މީހުން ބުނަނީ ޒަކިއްޔާ މަރުވީ އަމިއްލައަށް ނޫން ކަމަށާއި, މަރާލީ ކަމަށެވެ.
ރިއެކްޝަންސް






