ވެސްޓްހެމްގެ އަތްދަށުވެ ލީގު ހޯދުމުގެ ރޭހުގައި އާސެނަލް އިން ފަހަތަށް ފިޔަވަޅެއް
އާސެނަލް އަދި ވެސްޓްހެމްގެ މެޗުގެ ތެރެއިން. ފޮޓޯ: އާސެނަލް

ވެސްޓްހެމްގެ އަތްދަށުވެ ލީގު ހޯދުމުގެ ރޭހުގައި އާސެނަލް އިން ފަހަތަށް ފިޔަވަޅެއް

9 hours ago - 23:23
Feb 22, 2025 - 23:26

އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލްއާއި ވެސްޓްހެމް އުނައިޓަޑް ވާދަކުރި މެޗު 1-0 ން ވެސްޓްހެމް ކާމިޔާބުކުރިމާއި އެކު ތާވަލްގައި އެއްވަނައިގައި އޮތް ލިވަޕޫލްއާ ޕޮއިންޓްގެ ފަރަގުކުޑަކުރަން ލިބުނު ފުރުޞަތު އާސެނަލްއަށް ގެއްލިއްޖެއެވެ.

ނަތީޖާއާއެކު އާސެނަލް ތާވަލްގެ ދެވަނައިގައި އޮތީ ތާވަލްގެ އެއްވަނައިގައި އޮތް ލިވަޕޫލްއަށް ވުރެ 8 ޕޮއިންޓް މަދުކޮށެވެ.  އެއްވަނައިގައި ލިވަޕޫލް އޮތީ 61 ޕޮއިންޓް ހޯދައިގެންނެވެ.

މެޗުގައި ފެނުނު ހަމައެކަނި ގޯލް ވެސްޓްހެމްއަށް ކާމިޔާބުކޮށްދިނީ ޖެރޯޑް ބޮވެން އެވެ. 44 ވަނަ މިނިޓްގައި ގޯލް ކާމިޔާބުކޮށްދިނުމަށް އެހީތެރިވީ އޭރޮން ވޮން-ބިސާކާއެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ވެސްޓްހެމްއިން ކާމިޔާބުކޮށް އެޓީމުންވަނީ ފާއިތުވި ހަތަރު މެޗުން މޮޅުނުވެވި ގެތެމެންދިޔަ ސިލްސިލާއަށް ނިމުން ގެނުވާފައެވެ. ވެސްޓްހެމްއިން ވަނީ ރަނގަޅު ޑިފެންސިވް ގޭމެއް އާސެނަލްއާ ދެކޮޅަށް ކުޅެ މެޗުގެ ފަހު ވަގުތުގައިވެސް ގޯލް ކާމިޔާބުކުރާނެ ރީތި ފުރުޞަތެއްވެސް ތަނަވަސްކޮށްފައެވެ.

Advertisement
Advertisement

މެޗުގެ 73 ވަނަ މިނިޓްގައި ވެސްޓްހެމްގެ މުޙައްމަދު ކުޑޫސްއަށް ކުރި ފައުލަކާ ގުޅިގެން އާސެނަލްގެ މައިލްސް ލެވިސް- ސްކެލީއަށް ރަތްކާޑު ދައްކާ ވަނީ ދަނޑުން ފޮނުވާލާފައެވެ. ފައުލާ ގުޅިގެން ރެފްރީ ފުރަތަމަ އޭނާއަށް ދިނީ އިންޒާރެކެވެ. ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު) ވަނީ 18 އަހަރުގެ ކުޑޫސް އަށް ގޯލެއް ކާމިޔާބުކުރަން ލިބުނު ފުރުޞަތު ނަގާލިކަމަށް ބުނެ ރަތްކާޑަކަށް ބަދަލުކޮށްފައެވެ.

މެޗުގައި އާސެނަލްއަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނުއިރު,  މިއީ މިސީޒަންގެ ލީގުގައި އާސެނަލްއިން އަމިއްލަ ދަނޑުގައި ފުރަތަމަ ހާފުގައި އެޓީމުގެ މައްޗަށް އެހެން ޓީމަކުން ކުރިހޯދި ފުރަތަމަ ފަހަރެވެ.

ހޮނިހިރު ދުވަހު ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު މެނެޗެސްޓަރ ޔުނައިޓަޑް އަދި އެވަރޓަން ބައްދަލުކުރި މެޗު ނިމުނީ 2-2 ން އެއްވަރުވެގެންނެވެ. ވުލްވްސް އަތުން 1-0 ން ބާންމައުތު ބަލިވިއިރު ކްރިސްޓަލް ޕެލަސްއިން ފުލަމްގެ މައްޗަށް ކުރިހޯދީ 2-0 ންނެވެ. 4-1 ން ޓޮޓްނަމް އިން އިޕްސްވިޗް ޓައުން ބަލިކޮށް, ބްރައިޓަން ސައުތަމްޕްޓަންގެ މައްޗަށް ކުރިހޯދީ 4-0 ންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow