
އެއްބަސްވުމާ އެއްގޮތަށް ހަމާސްއިން ހުރިހާ ރަހީނުން މިނިވަންކޮށްފި
ހަމާސްގެ އަތްދަށުގައި ތިބި އިޒްރާއިލްގެ ރަހީނުންގެ ތެރެއިން އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގައި މިނިވަންކުރުމަށް ހަމަޖެހިފައިވާ 33 ރަހީނުންގެ ތެރެއިން ބާކީތިބި 6 ރަހީނުން މިއަދު މިނިވަން ކޮށްފިއެވެ. މިއާއެކު އެއްބަސްވުމުގެ ފުރަތަމަ ފިޔަވައްސާ އެއްގޮތަށް ހަމާސްއިން ވަނީ ހުރިހާ ރަހީނުން މިނިވަންކޮށްފައެވެ.
ރަހީނުންގެ ބަދަލުގައި އިސްރާއިލްގެ ޖަލުތަކުގައި ތިބި ފަލަޞްޠީނުގެ އަސީރުންގެ ތެރެއިން 620 މިހަކު މިއަދު މިނިވަންކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މިއީ ފުރަތަމަ ފިޔަވަހީގެ ދަށުން އަސީރުންނާއި ރަހީނުން މިނިވަންކުރާ ފަހު ފަހަރެވެ.
މިއަދު މިނިވަންކުރި ރަހީނުންގެ ތެރެއިން ފުރަތަމަ މިނިވަންކުރި ދެމީހުން ރެޑް ކޮރޮސްއާ ހަވާލުކޮށްފައިވަނީ ދެކުނު ޣައްޒާގެ ރަފަޙްއިންނެވެ. ތިންމީހަކު މެދުތެރޭ ޣައްޒާގެ ނުސީރަތު ރެފިއުޖީ ކޭމްޕް ސަރަޙައްދުން މިނިވަންކޮށްފައިވާއިރު, އެންމެ ފަހުން މިނިވަންކުރި ހިޝާމް އަލް-ސައެދް ހަމާސްގެ އަތްދަށުވީ 2015 ގައި އޭނާ ޣައްޒާއަށް އެރި ހިސާބުންނެވެ.
މިއަދު މިނިވަންކުރުމަށް ހަމަޖެހިފައިވާ 620 އަސިރުންގެ ތެރެއިން 445 މީހުންނަކީ މިފަހަރު ހަނގުރާމަ ފެށިފަހުން ހައްޔަރުކުރި މީހުންނެވެ. އަދި މިނިވަންކުރާ އަސީރުންގެ ތެރޭގައި ދިގުމުއްދަތަކަށް ނުވަތަ އުމުރަށް ޖަލަށް ލާފައިވާ ފަލަޞްޠީނުގެ ގިނަ ބަޔަކުވެސް ހިމެނެއެވެ.
ބުރާސްފަތި ދުވަހު ހަމާސްއިންވަނީ މަރުވެފައިވާ އަސީރުންގެ ތެރެއިން ހަތަރު މީހެއްގެ ހަށިގަނޑުވެސް އިޒްރާއިލް އާ ހަވާލުކޮށްފައެވެ. ނަމަވެސް ހަށިތަކުގެ ތެރެއިން 7 އޮކްޓޯބަރު 2023ގައި ހަޏާސްއިން ރަހީނުކުރި ޝްރީ ބިބަސް ގެ ހަށިގަނޑަކީ އޭނާ ނޫންކަމަށް އާއިލާއިން ކުރި ތުހުމަތާ ގުޅިގެން ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް ހިޔަނިއެޅިފައި ވަނިކޮށް ހަމާސްއިން ހުކުރު ދުވަހު ވަނީ އަސްލު ހަށިގަނޑު އިޒްރާއިލް އާ ހަވާލުކޮށްފައެވެ. އާއިލާއިން ފަހުން ވަނީ އެއީ އޭނާގެ ހަށިގަނޑުކަން ޔަޤީންކޮށްދީފައެވެ.
ރިއެކްޝަންސް






