ދާޚިލީ ވަޒީރުގެ ވިސްނުން: މައި 1 ޖަލު ރާއްޖޭގައި އެޅުން

ދާޚިލީ ވަޒީރުގެ ވިސްނުން: މައި 1 ޖަލު ރާއްޖޭގައި އެޅުން

މާލެ ސަރަޙައްދުގައި ސެންޓްރަލް މައި ޖަލެއް ހެދުމަށް ނިންމައިފި

8 months ago - 06:18
Jan 18, 2024 - 08:33
Advertisement

މުޅި ރާއްޖެއަށް އަމާޒުކޮށްގެން މާލެ ސަރަޙައްދުގައި ސެންޓްރަލް މައި ޖަލެއް ހެދުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ އިހުސާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ވިސްނުންފުޅަކީ، މިހާރު އެކި ރަށްރަށުގައި ވަކިވަކިން ހިންގަމުން އަންނަ ޖަލުތައް އެއްކޮށްލާ، މައި އެއް ޖަލަކުން ހުރިހާ ޚިދުމަތްތައް ދެވޭނެ ގޮތަށް ނިޒާމު ބައްޓަންކުރެއްވުންކަމަށެވެ.

މިޖަލު ތަރައްޤީކުރާނީ މާލެ ސަރަޙައްދުގައި ނަމަވެސް ކޮންތަނެއްކަން އެނގޭނީ ދިރާސާއަށްފަހު ކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވިއެވެ.

އެގޮތުން މިވަގުތު ބަލަމުންދަނީ ޖަލު އެޅުމަށް ހިނގާނެ ޚަރަދާއި، އެކަން ކުރާނެގޮތާއި އޭގެ ސަބަބުން ނިކުންނާނެ ނަތީޖާތަކާގުޅޭ ސްޓަޑީގެ މަސައްކަތްކަމަށް ވަޒީރު ވިދާޅުވިއެވެ.

Advertisement

"މާލެއާ ޖަލު ދުރެއް ނުކުރެވޭނެ. ބޮޑު އާބާދީއެއް އޮތީ މިތާ. އަދި ސިއްޙީ ފަރުވާއާއި ކޯޓުގެ ބޭނުންތަކަށްވެސް ގައިދީން މާލެ ގެންނަޖެހޭ. މާލެއާ ދުރުކޮށްފިނަމަ އަނެއްކާވެސް ޚިދުމަތަށް ދަތިވާނެ." ދާޚިލީ ސަލާމަތާބެހޭ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ގިނަ ޖަލުތަކަކަށް ޚިދުމަތް ދޭންޖެހުމުގެ ސަބަބުން ރިހެބިލިޓޭޝަނަށް ބޭނުންވާ މުވައްޒަފުން އެކަށީގެންވާ މިންވަރަށް ނުތިބޭކަމަށެވެ.

މި މަސައްކަތުގެ ޢަމާޒަކަށްވަނީ ޖަލުން ނިކުންނަ ކޮންމެ މީހަކީވެސް އެކަށީގެންވާ ފަރުވާގެ ނިޒާމުގެ ތެރެއިން މުޖުތަމަޢަށް ނިކުންނަ މީހެއްކަން ކަށަވަރުކުރުން ކަމަށް އިޙުސާން ވިދާޅުވިއެވެ.

މިގޮތަށް ޖަލެއް ހެދިނަމަވެސް، އެކި ކަހަލަ ކުށްތަކުގައި ތިބި ގައިދީން ބެލެހެއްޓުމުގެ ކަންކަން މިހާރެކޭ އެއްގޮތަށް ވަކިކޮށް ބަލަހައްޓަމުންދާނެ ކަމަށް ދާޚިލީ ސަލާމަތާބެހޭ ވަޒީރު ވިދާޅުވިއެވެ. 

ވަޒީރު ވިދާޅުވީ އެންމެ ބޮޑު އަމާޒަކީ ކުށް މަދު މުޖުތަމަޢެއް ބިނާކުރުންކަމަށެވެ. އެމަގުން ގިނަ މުހިންމު މަސައްކަތެއް މި ދައުރުގައި ކުރައްވާނެކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement