
މިދިޔަ އަހަރު މަސްތުވާތަކެތީގެ މައްސަލަތަކުގެ 95 އިންސައްތަ ސާބިތުވި – ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓުން ވަނީ 10 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ފައިސާ، ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް އަމުރު ކޮށްފަ.
ފާއިތުވެދިޔަ އަހަރު މަސްތުވާތަކެތީގެ މައްސަލަތަކުގެ 95 އިންސައްތަ މައްސަލަ ސާބިތުވި ކަމަށް ކްރިމިނަލް ކޯޓުން ހާމަކުރައްވައިފިއެވެ.
ކްރިމިނަލް ކޯޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު މަސްތުވާތަކެތީގެ ވިޔަފާރި ކުރިކަމުގެ ކުށް ސާބިތުވެ، ޖުމްލަ 20 މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވެއެވެ.
ކްރިމިނަލް ކޯޓުން ވިދާޅުވީ މަސްތުވާތަކެއްޗާ ގުޅޭ އެކި މައްސަލަ ތަކުގައި ހަތް މީހަކަށް 12 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކަމަށެވެ. އަދި މިމައްސަލަތަކާ ގުޅިގެން 10 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ފައިސާ ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދެއްކުމަށް ހުކުމް ކޮށްފައިވާ ކަމަށްވެސް ކްރިމިނަލް ކޯޓުގެ ހިސާބުތަކުން ދައްކައެވެ.
ފާއިތުވެދިޔަ އަހަރު ކްރިމިނަލް ކޯޓުން މަސްތުވާތަކެތީގެ 137 މައްސަލައެއްގައި ގޮތް ނިންމާފައިވާ އިރު، މިމައްސަލަ ތަކުގެ ތެރޭގައި ހިމެނެނީ، މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ޝަރީޢަތުގައި އިއުތިރާފުވެފައިވާ މައްސަލަތަކާއި، ފަރުވާގެ ފުރުސަތު ދިނުމުގެ ގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ޑްރަގް ކޯޓަށް ހުށަހެޅުމަށް އަނބުރާ ގެންގޮސްފައިވާ މައްސަލަތަކާއި، އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ދައުވާ މުރާޖައާ ކުރުމަށްފަހު އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމައި، އަނބުރާ ގެންގޮސްފައިވާ މައްސަލަތައް ކަމަށް އެކޯޓުން ވިދާޅުވިއެވެ.
ރިއެކްޝަންސް






