
"މާލޭ ޓެކްސީ ލައިން' ގެ ނަމުގައި ސަރުކާރުގެ ޓެކްސީ ޚިދުމަތް ޤާއިމްކުރުމަށް އެމްޓީސީސީ އާ ހަވާލުކޮށްފި
"މާލޭ ޓެކްސީ ލައިން" ގެ ނަމުގައި އީ.ވީ ޓެކްސީ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްފިއެވެ.
މި މަޝްރޫއު ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީއެވެ. އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޝަމީމް އެވެ.
ފިޔަވަހި ތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިމަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މި ހިނގާ 2025 ވަނައަހަރު މާލެ, ހުޅުމާލެ, އަދި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި މި ޚިދުމަތް ފަށަން ވަނީ ނިންމާފައެވެ. މިއީ ރައްޔިތުންނަށް ޓެކްސީ ޚިދުމަތް ފޯރުކޮށްދިނުމުގައި މިހާރު ދިމާވަމުން އަންނަ ދަތިތަކަށް ހައްލެއް ހޯދައިދީ, ރައްޔިތުންނަށް އިރުބާރުހިފޭ, ބަރޯސާވެވޭނެ ފެންވަރު ރަނގަޅު ޓެކްސީ ޚިދުމަތެއް ފޯރުކޮށްދިނުމަށް ފަށާ ޚިދުމަތެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ރައްޔިތުން އެދޭ ގޮތަށް ފަރުމާކުރާ މިޙިދުމަތް ފެށުމަށް ކަނޑައަޅާފައިވާ ސްލޯގަން އަކީ "ރައްޔިތުންގެ ޓެކްސީ" އެވެ. ޙިދުމަތް ފޯރުކޮށްދެނީ އެކަމަށް ފަރުމާކުރާ އެޕްލިކޭޝަން މެދުވެރިކޮށެވެ. އަދި މިއީ ޓްރާންސްޕޯޓްގެ އުޞޫލުތަކާއެއްގޮތަށް "ފިކްސްޑް ފެއަރ" އުޞޫލުން އަގުތައް ކަނޑައެޅިގެން ތަޢާރަފް ކުރެވޭ ޚިދުމަތެކެވެ.
ރަސްމިއްޔާތުގައ ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ "ރައްޔިތުންގެ ޓެކްސީ" ގެ ޚިދުމަތް ފެށުމުން, ދެން ގްރޭޓަރ މާލޭ ސަރަޙައްދުގައި ދިރިއުޅޭ އެއްވެސް ރައްޔިތަކަށް އެއްވެސް ވަގުތެއްގައި ޓެކްސީ ނުލިބިގެން އުޅެން ނުޖެހޭނެ ކަމުގައެވެ.
ހޮޓްލައިން 1650 މެދުވެރިކޮށް ކަސްޓަމަރުންގެ ހިޔާލާއި ޝަކުވާ ހުށަހެޅޭގޮތަށް ފަރުމާކުރާ މި ޚިދުމަތާއެކު އިތުރު ވަޒީފާތައް އުފެދިންގެ ދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މިހާރުވެސް ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކާއެކު ޓެކްސީގެ ޚިދުމަތް މުޅިން ފުރިހަމަ ވެގެންދިއުމަކީ ސަރުކާރުގެ އަމާޒެވެ.
ރިއެކްޝަންސް






