
ފަތުރުވެރިކަމުގެ ދާއިރާގައިވެސް މުސްލިމުންގެ ގޮތުގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު ދޭންޖެހޭ- މެމްބަރު އިއްބެ
ތުނހުޅި ބަހައްޓައިގެން ވަޒީފާ އަދާކުރުމުގެ ފުރުޞަތު ލިބެންޖެހޭ ކަމަށް ވިދާޅުވި
ފަތުރުވެރިކަމުގެ ދާއިރާގައިވެސް މުސްލިމުންގެ ގޮތުގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު ދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ހުސައިން (އިއްބެ) ވިދާޅުވެއްޖެއެވެ. މެމްބަރު އިއްބެ މިހެން ވިދާޅުވީ އަންހެން މުވައްޒަފުންނަށް ބުރުގާ އަޅައިގެން ރިސޯރޓްތަކުގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު އިތުރަށް ފަހިކުރުމަށާއި, ފިރިހެން މުވައްޒަފުންގެ ތެރެއިން ތުނބުޅި މަތިމަސް ބަހައްޓައިގެން މަސައްކަތް ކުރެވޭނެ އުޞޫލެއް އަދި ގަވާއިދު އެކަށައަޅަން ގޮވާލާ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ.
މެމްބަރު އިއްބެ ވިދާޅުވީ އެހުށަހެޅުއްވުމަށް ތާއީދު ކުރައްވާ ކަމަށާއި, ތަފާތުކުރުމެއް ނެތި ރާއްޖޭގައި ވަޒީފާ އަދާކުރާ ހުރިހާ ބޭފުޅުންނަށް ވަޒީފާ އަދާކުރުމުގެ ފުރުޞަތު ލިބެންޖެހޭނެ ކަމަށެވެ. ފަތުރުވެރިކަމާބެހޭ އިންޑަސްޓްރީއަކީ ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީކަން ފާހަގަކުރައްވާ އިއްބެ ވިދާޅުވީ ތުނބުޅި ބަހައްޓާ ބޭފުޅުންނަށް, ތުނބުޅި ބަހައްޓައިގެންވެސް ވަޒީފާ އަދާކުރެވޭނެ ގޮތެއް ހަމަޖައްސައިދޭން ޖެހޭ ކަމަށެވެ. އެކަން ކުރަންވާނީ ވަކި ގަވާއިދެއްގެ ތެރެއިން ކަމަށާއި, އެއީ ހިތުހުރިހާ ގޮތަކަށްދެވޭ ހުއްދައަކަށް ވެގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ ތުނބުޅި ބަހައްޓައިގެން ރިސޯރޓްތަކުގައި ވަޒީފާ އަދާނުކުރެވުމީ އަހަރުތަކެއްވީ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށެވެ. ނަމަވެސް ރީތިކޮށް ތުނބުޅި ބަހައްޓައިގެން އެވަޒީފާ އަދާކުރެވޭނެ ގޮތް ޤަވާއިދަކުން ކަށަވަރުކުރެވިއްޖެ ނަމަ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އިއްބެ ވިދާޅުވީ މިހާރު ދުނިޔެ ހިނގާގޮތަށް ބަލާއިރު ތުނބުޅި ހުންނަ ބޭފުޅުންނަކީ މާރީތި ފިރިހެނުން ކަމަށް ގިނަ ގައުމުތަކުގައި ބަލައިގަނެވިފައިވެސް ވާ ކަމަށެވެ.
" ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި ތުނބުޅި ހުންނަ މީހުންނަށް ވަޒީފާ އަދާނުކުރެވޭ ގޮތަށް އޮންނަ އޮތުމަކީ އެއީ އަޅުގަނޑުމެން ގަބޫލުކުރާކަމެއް ނޫން. މިގޮންޖެހުން އެތައް ފަހަރެއްގެ މަތީން އެތައް އަހަރުތަކެއްގައި ދިމާވެފަ ވަނީ, މިއަދު މިމައްސަލައަށް ހައްލެއް ހޯދުމަކީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް." އިއްބެ ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ މިފަދަ ބޮޑު އިންޑަސްޓްރީއެއް ދިވެހިރާއްޖޭގައި އުފެދި މިހާހިސާބަށް އައިއިރުގަ އަދި އިންޑަސްޓްރީ ކުރިއަށް އިތުރަށް ބޮޑުވެގެންދާއިރު ދިވެހިރާއްޖޭގެ ރައްޔިތުންނަކީ އެންމެގިނައިން ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި ވަޒީފާ އަދާކުރާ މީހުންނަށް ވާން ޖެހޭ ކަމަށެވެ. އަދި އެމީހުންނަށް ގިނަ ފުރުޞަތުތަކެއް ފަތުރުވެރިކަމުގެ ދާއިރާއިން ހޯދަދިނުމަކީ ރައްޔިތުންގެ މަޖިލިހުގެވެސް ޒިންމާއެއް ކަމަށް ވިދާޅުވިއެވެ. އަދި އެއީ ވެރިކަންކުރާ ފަރާތްތަކުގެވެސް ޒިންމާއެއް މެމްބަރު ވިދާޅުވިއެވެ.
މިކަމާމެދު ރިސޯރޓްތަކުގެ އޯނަރުންނާއި, ވިޔަފާރިވެރިން ވަރަށްބޮޑަށް ފުންކޮށް ވިސްނަން ޖެހޭ ކަމަށާއި, ތުނބުޅި ބަހައްޓައިގެން ވަޒީފާ އަދާކުރެވޭނެ ގަވާއިދެއް އެކުލަވާލުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ކޮށްދެވޭނެ މުހިއްމު ކަމެއް ކަމަށް ވިދާޅުވިއވެެ. ރިސޯރޓްތަކުގެ އެސްއޯޕީ ތަކުގައި ހިމަނައިގެންވެސް މިކަމަށް ހައްލެއް ހޯދައިދެވިދާނެ ކަމަށް މެމްބަރު ދެކިވަޑައިގަންނަވައެވެ.
ތުނބުޅި ބަހައްޓައިގެން ވަޒީފާ އަދާނުކުރެވުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އޮތް ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވާ އިއްބެ ވިދާޅުވީ ތުނބުޅި ބަހައްޓައިގެންވެސް މަސައްކަތް ކުރެވޭނެ ގޮތް ހަމަޖެއްސޭނެ ކަމަށެވެ.
ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވާއިރު މުސްލިމުންގެ ގޮތުގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު ދޭންޖެހޭނެ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކުރިން ހައްލު ހޯދިފައި ނެތް މިމައްސަލައަށް މިއަދުގެ ސަރުކާރުން, ރައީސުލްޖުމްހޫރިއްޔާ ހައްލު ހޯދައިދެއްވާނެ ކަމަށެވެ.
ރިއެކްޝަންސް






