550 އަށްވުރެ ގިނަ މީހުން ފަރުވާގެ ނިޒާމަށް ވައްދައިފިން- އެންޑީއޭ
ފަރުވާއަށް ހުކުމްކޮށްފައިވާ މީހުންގެ ތެރެއިން އެނިޒާމްގެ ތެރެއަށް ނުގެންދެވި ތިބި މީހުންގެ އަދަދު 150 އަށް ދަށް ކުރެވިފައިވާ ކަމަށް ލުބްނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފަރުވާގެ ނިޒާމްގެ ތެރެއަށް ނުވެއްދި މިހާރު ތިބީ 100 އެއްހާ މީހުން ކަމަށެވެ. އެމީހުންވެސް ފަރުވާގެ ތެރެއަށް ވެއްދުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދަވާ ކަމަށް ލުބުނާ ވިދާޅުވިއެވެ.
" ކޯޓުން ހަމަ ކޮންމެ ދުވަހަކުވެސް ވަރަށް ގިނަ މީހުންގެ މައްޗަށް ހުކުމް ކުރަމުންދާނީ. ހުކުމްކުރާ ވަރަށް އަދި އެންޑީއޭގެ ފަރުވާގެ ނިޒާމު ފޯރުކޮށްދޭ ސެންޓަރުތައް އެހާ ބޮޑެއް ނޫން. އެހެންނަމަވެސް ހުކުމް ކުރާ ސްޕީޑުގަ އަޅުގަނޑުމެންނަށް މީހުން ފަރުވާއަށް ނުވެއްދުނު ނަމަވެސް ހަމަ ވަރަށް އަވަސް އަވަހަށް ފަރުވާއަށް މީހުން ވެއްދޭތޯ އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން މިދަނީ." ލުބްނާ ވިދާޅުވިއެވެ.
ލުބްނާ ވިދާޅުވީ ފަރުވާއަށް މީހުން ވެއްދުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އެންޑީއޭގެ ބޯޑުން ޚާއްސަ ޓާސްކް ފޯހެއް އުފައްދަވާފައިވާ ކަމަށެވެ. އަދި އެ މަސައްކަތްތައް ދެން ކުރިއަށްގެންދާނީ އެ ޓާސްކް ފޯހުން ކަމަށް ވިދާޅުވިއެވެ.
ރިމާންޑް އޮޕަރޭޝަންގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ލުބްނާ ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ 100 އަށްވުރެ ގިނަ މީހުން މިހާތަނަށް ފަރުވާގެ ނިޒާމުގެ ތެރެއަށް ވައްދާފައިވާ ކަމަށެވެ.
އެ އެންމެންނަކީވެސް މާލޭގެ މަގުތަކުން އަދި ގޭގެއިންނާއި އެހެން ރަށްރަށުން ނަގާފަ ތިބި މީހުން ކަމަށް ވިދާޅުވިއެވެ. ކުރިން ގްރޭޓަރ މާލެ އޭރިއާއަށް ފޯކަސް ކުރިނަމަވެސް މިހާރު ރާއްޖޭގެ އެހެން ރަށްރަށުގައި ތިބި މީހުންވެސް ނަގަމުން ދާކަމަށް ލުބުނާ ވިދާޅުވިއެވެ.
" ރިމާންޑަށް ނެގީމަ އޯވަރޑޯޒްވާ އަދަދު އެބަ މަދުކުރެވޭ." ލުބްނާ ވިދާޅުވިއެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާގެ ނިޒާމަށް ވެއްދުމަށް ޚާއްސަ އޮޕަރޭޝަނެއް އެންޑީއޭއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު 22 ވަނަ ދުވަހު އެވެ. މި އޮޕަރޭޝަން ނިންމާލާނެ ވަކި ތާރީޚެއް ކަނޑައަޅާފައެއް ނުވެއެވެ.
ރިއެކްޝަންސް