ޕްލޭ-އޯފްގައި ސިޓީން ނިކުންނަން ޖެހޭނީ ބަޔާން މިއުނިކް ނުވަތަ ރެއާލް މެޑްރިޑާ ދެކޮޅަށް!
އުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ފަހަތުން އަރާ ކްލަބް ބްރޫޖް 3-1 ން ބަލިކޮށް މެންޗެސްޓަރ ސިޓީން ޕްލޭ-އޯފްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. ނަމަވެސް ޕްލޭ-އޯފްގައި ސިޓީ ނިކުންނަން ޖެހޭނީ ލަލީގާގެ ތާވަލްގެ ކުރީގައި އޮތް ރެއާލް ނުވަތަ ޖަރުމަނުގެ ގަދަބާރު ބަޔާން މިއުނިކް އާ ދެކޮޅަށެވެ.
ސިޓީގައި އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ހާފު ނިމުނީވެސް ބްރޫޖް ކުރީގައި އޮވެގެންނެވެ. ޗެމްޕިއަސް ލީގުގައި ދެމިއޮތުމަށް މެޗުގައި މޮޅުވުން ނޫން އިތުރު ގޮތެއްނެތް ސިޓީއަށް ނަތީޖާ އެއްވަރުކޮށްދިނީ މަޓެއޯ ކޮވަސިޗް އެވެ. 53 ވަނަ މިނިޓްގައި ޖޯން ސްޓޯންސް ތަނަވަސްކޮށްދިން ފުރުޞަތުގައި އޭރިއާ ރޮނގު ކައިރިން އޭނާ ފޮނުވާލި ބޯޅަ ވަނީ ސީދާ ގޯލުގެ ކަނަށެވެ.
މެޗުގައި ސީޓިން ލީޑުނެގީ 62 ވަނަ މިނިޓްގައި ބްރޫޖްގެ ޖޯލް އޯޑޮނެޒް އަތުން ބައިކޮޅަށް ވައިން ގޯލާއެކުއެވެ. ސިޓީގެ ފަހު ގޯލް ކާމިޔާބުކުރީ ދެވަނަ ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ނިކުއިން ސަވީނިއޯ އެވެ.
ޗެމްޕިއަންސް ލީގުގެ އާ ފޯމެޓްގައިވާ ގޮތުން ލީގުބުރުގެ ގަދަ 8 ޓީމަށް ސީދާ ގަދަ 16 އިން ޖާގަ ލިބޭނެއެވެ. ލީގުގެ 9 އާއި 24 ގައި ހިމެނޭ ޓީމުތައް ޖާގައެއް ކަށާވަރުކުރަން ފްލޯ-އޯފް ބުރެއް ކުޅެން ޖެހެއެވެ. ރޭގެ މެޗު ފެށިއިރު ސިޓީ އޮތީ ތާވަލްގެ 25 ވަނައިގައެވެ.
ރޭގެ މެޗުން 3 ޕޮއިންޓް ހޯދާ ތާވަލްގެ 22 ވަނައިގައި ނިންމާލި ސިޓީން ޕްލޭ-އޯފްގައި ބުންޑަސްލީގާ އާއި ލަލީގާގެ ކުރީގައި އޮތް ދެ ޓީމުން ކުރެ އެއް ޓީމާ ކުޅެންޖެހުމަކީ ސިޓީގެ މިވަގުތުގެ ހާލަތު އޮތްގޮތުން އޮތް ނުތަވަނަވަސް ކަމެކެވެ. އެހެން ކަމުން, ކުރިއަށް ދިއުމަށް މަގުފަހިވި ނަމަވެސް ސިޓީއަށް ކުރިމަތީގައި އޮތީ ބޮޑު އިމްތިހާނެކެވެ.
މިވަގުތު އަނިޔާގައިތިބި ޑިފެންޑަރު ރުބެން ޑިއަޒް އަދި ނެތަން އާކޭ ނެތި ރެއާލް އަދި ބަޔާންއާ ދެކޮޅަށް ނިކުތުމަތީ ކޯޗު ޕެޕް ގާޑިއޯލާއަށްވެސް އޮތް ނުތަނަވަސްކަމެކެވެ.
ފާއިތުވެދިޔަ ދެ މަހެއްހާދުވަހު ދަށް ނަތީޖާތަކެއް ހޯދާ, ކްލަބްގެ ތާރީޅްގައިވެސް ޖެހިޖެހިގެން ގިނަ މެޗުތަކަކުން ބަލިވެ ސިޓީ މިހާރުވެސް އޮތީ ޕްރިމިއަރ ލީގުގެ ތާވަލްގެ ހަތަރުވަނައިގައެވެ. އެއީ އެއްވަނައިގައި އޮތް ލިވަޕޫލްއާ ޕޮއިންޓްގެ ގޮތުން 12 ޕޮއިންޓްގެ ފަރަޤަކާއެކުއެވެ.
ރިއެކްޝަންސް