އައްޑޫ ހަންކެޑެ ބްރިޖް އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ
އައްޑޫ ހަންކެޑެ ބްރިޖް އަންނަ ހޮނިހިރު ދުވަހު ހުޅުވާލަން ނިންމައިފިއެވެ. އެކަން އިއުލާނުކޮށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ އައްޑޫ ސިޓީ ހަންކެޑެ ޑީޓުއަރ ލިންކް ރޯޑް, ފެބްރުއަރީ ފުރަތަމަ ދުވަހު އާންމުންނަށް ހުޅުވާލާނެ ކަމަށެވެ.
ހޮނިހިރު ދުވަހު ހަންކެޑެ ބްރިޖް ހުޅުވާލާނެކަން ސަރުކާރުން އިއުލާނުކޮށްފައި މިވަނީ އެބްރިޖް ހުޅުވާނުލައިގެން އައްޑޫ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. މިދިޔަ ހޯމަ ދުވަހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގައި އަޅާފައިވާ ހަންކެޑެ ބްރިޖް ނުހުޅުވި ލަސްވާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ބްރިޖްގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކޮންޓްރެކްޓަރ ވަނީ ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
" ބްރިޖް ހުޅުވުމާއި ވީރާނާވެފައިވާ ލިންކްރޯޑް އަލުން ހެދުމާއި، ހަންކެޑެ ސަރަހައްދުގައި ހަދާފައިވާ ވަގުތީ ވެލި މަގު މަރާމާތު ކުރުމުގެ ޒިންމާ އޮތީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިނފްރާސްޓްރަކްޗަރއަށް. މިމަސައްކަތް ތަކަކީ އައްޑޫ މަގުހެދުމުގެ މަސައްކަތުގައި ހިމެނޭ މަސައްކަތް ތައް. ކައުންސިލްއިން މިމަސައްކަތްތައް އަވަސްކުރުމަށް ތަކުރާރުކޮށް ދަނީ އެދެމުން." މޭޔަރު ވިދާޅުވިއެވެ. އޭރު މޭޔަރު ވިދާޅުވީ އެދެވޭ ޖަވާބެއް މިނިސްޓްރީގެ ފަރާތުން ލިބިފައި ނުވާކަމަށެވެ.
ހަންކެޑެ ބްރިޖް މަޝްރޫއަކީ އައްޑޫ ރޯޑް އެންޑް ސްޓޯމް ވޯޓަރ ޑްރެއިނޭޖް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ގެ ދަށުން ނިންމާފައިވާ މަޝްރޫއެކެވެ. މަސައްކަތް ކުރިއަށް ގެންދެވިފައިވަނީ އިންޑިއާގެ އެގްޒިމް ބެންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ.
2021 ވަނަ އަހަރު ފެށި އެމަޝްރޫއަށް 1.1 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައި ވެއެވެ.
ރިއެކްޝަންސް